އެންޓިމައިކްރޯބިއަލް ރެސިސްޓެންސް (އޭއެމްއާރު) ގެ ނުރައްކާ އިތުރުވަމުންދާކަން ފާހަގަކުރައްވައި، އާންމު ސިއްހަތާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި، އިގްތިސާދު ރައްކާތެރިކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.

ވޯލްޑް އެންޓިމައިކްރޯބިއަލް ރެސިސްޓަންސް އަވޭއާނަސް 2025 ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި ސާޖިދާގެ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެންޓިމައިކްރޯބިއަލް ރެސިސްޓަންސް (އޭއެމްއާރު) ގެ ނުރައްކަލަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަދި އާންމު ސިއްހަތާއި، ކާބޯތަކެތީގެ ސަލާމަތާއި، އިގްތިސާދު ރައްކާތެރިކުރުމަށްޓަކައި، މިކަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ގޮވާލައްވާފައެވެ.

ހަމަ އެހެންމެ ވަނީ ދިވެހިރާއްޖޭގެ ގައުމީ އެކްޝަން ޕްލޭން އޮން އޭއެމްއާރު (2024-2029) ގެ މައިގަނޑު މަގްސަދުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން މި ޕްލޭންގެ މައިގަނޑު އަމާޒަކީ ފުރަތަމަ އެކްޝަން ޕްލޭން (2017-2022) ގެ ދަށުން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް، އެކި ދާއިރާތަކުގެ ގަވަނަންސް ހަރުދަނާ ކުރުމާއި، ސަވައިލެންސް ހަރުދަނާ ކުރުން ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް އެންޓިބަޔޮޓިކް ބޭނުންކުރުމުގައި ހަރުދަނާވުމުގެ މުހިންމުކަން ހަނދުމަކޮށްދެއްވާ، ފަސްޓް ލޭޑީ ވަނީ އާންމުންނާއި ގުޅުންހުރި ހުރިހާ ފަރާތްތަކުން މިހާރުން މިހާރަށް އަމަލުކުރުމަށް ގޮވާލައްވާފައެވެ. އަދި ބަލިތަކަށް ފަރުވާދިނުމަށް މުހިންމު ބޭސްތަކުގެ އަސަރު ރައްކާތެރިކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.