އަންނަ އަހަރު ނިމޭ އިރު ރާއްޖޭގައި މީހުން ދިރިއުޅޭ އެންމެ ކުޑަ ރަށުގައި ވެސް ލެބޯޓްރީގެ ހިދުމަތް ލިބެން ހުންނާނެ ކަމަށާއި އެންމެ ގިނަ މުވައްޒަފުން އަންނަ އަހަރު ހޯދާނީ ވެސް ސިއްހީ ދާއިރާއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު ރައީސް ކަމަށް އިންތިހާބުވެ ރައީސް ކަމުގެ ހުވާކުރެއްވިތާ 2 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޕީއެންސީން މިރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އާންމު ސިއްހަތު ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަ އަހަރު ކުރަން ނިންމަވާފައިވާ ކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އޭގެތެރެއިން ގިނަ މަސައްކަތްތަކެއް މިހާރު ވަނީ ފެށިފައި ކަމަށެވެ.

އޭގެތެރެއިން އެންމެ މުހިއްމު އެއް މަސައްކަތަކީ ހޮސްޕިޓަލްތައް ބިނާކުރުމަށް ކުރާ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޓާޝަރީ ފެންވަރު ހޮސްޕިޓަލްތައް ގާއިމްކުރުމަށް ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ވަނީ އެކި މަރުހަލާގައި ފެށިގެން ގޮސްފައި ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ސަރަހައްދީ ތަރައްގީގެ ތެރެއިން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ހަމައެކަނި މާލެއަށް ޑިޕެންޑް ނުވެ. ރާއްޖޭގެ އެންމެ ދެކުނާއި އެކި ސަރަހައްދުތަކުން އެންމެ މަތީ ފެންވަރުގައި ހުރިހާ ހިދުމަތެއް ދިނުމުގެ ސިޔާސަތުގެ ތެރެއިން ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލް ގާއިމްކުރުމުގެ މަސައްކަތް ފަށާފައި މިވަނީ."
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ސިއްހީ ދާއިރާއިން މިހާތަނަށް އެންމެ ގިނަ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތައް ފަށާފައި ވަނީ މިވީ ދެ އަހަރުގެ ތެރޭގައެވެ. އޭގެ ތެރެއިން އަލަށް ހޮސްޕިޓަލް އަޅަން ނިންމާފައި ވަނީ، ކުރިން ހޮސްޕިޓަލް ނެތް 28 ރަށެއްގައި އަދި މިހާރު އަތޮޅު ހޮސްޕިޓަލްތައް ހުރި 14 ރަށެއްގައި ވެސް އާ ހޮސްޕިޓަލް އަޅަން ވަނީ ނިންމާފައެވެ. 5 ރީޖަނަލް ހޮސްޕިޓަލެއް އަޕްގްރޭޑް ކުރަން ނިންމާފައިވާ އިރު 97 ރަށެއްގެ ސިއްހީ މަރުކަޒު ވެސް އަޕްްގަރޭޑް ކުރުމުގެ މަސައްކަތް ކުރަން ވަނީ ފަށާފަައެވެ.

މިހާރު ސޮއިކޮށް ފަށާފއިވާ ޕްރޮޖެކްޓަކާއެކު އަންނަ އަހަރު ނިމެންވާއިރަށް މި ސަރުކާރުގެ އަމާޒަކީ އެންމެ ކުޑަ ރަށުގައި ވެސް އެރަށެއްގެ އާބާދީއާ އެކަށީގެންވާ ވަރުގެ ލެބޯޓްރީ ހިދުމަތް ދެވޭ ތަނެއް ގާއިމް ކުރެވިފައި ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން 50 ރަށެއްގަިއ މުޅިން އަލަށް ލެބް ގާއިް ކުރަން ވަނީ ނިންމާފައެވެ. މިގޮތަށް މި ނިންމީ އެ ރަށެއްގައި ތިބޭ މީހުން ލެބޯޓްރީ ހިދުމަތް ހޯދަން އަނެއް ރަށަށް ދާން ނުޖެހޭނެ ގޮތް ހެދުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު އަންނަ އަހަރު ނިމެން ވާ އިރަށް ކޮންމެ ރަށެއްގައި ވެސް އަޕްގްރޭޑް ކުރެވިފައި ހުރި، މަރާމާތު ކުރެވިފައި ހުރި، މުވައްޒަފުން ހަމަކުރެވިފައި ހުރި، ސިއްހީ މަރުކަޒެއް ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަހަރު ތެރޭގައި ވެސް އެންމެ ގިނަ މުވައްޒަފުން ނަގާފައި ވަނީ ސިއްހީ ދާއިރާއަށް ކަމަށާއި އަންނަ އަހަރު ވެސް ސިއްހީ ދާއިރާއަށް ގިނަ މުވައްޒަފުންތަކެއް ނަގާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދެއްވާނެ ކަމުގެ ޔަގީން ކަން ރައީސް ވަނީ މިރޭ ދެއްވާފައެވެ.