ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝޭހް ހަސީނާގެ ވެރިކަމުގެ ފަހުކޮޅު އެކަމާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި ރައްޔިތުންނަށް އެޅި ލާއިންސާނީ ފިޔަވަޅުތަކުގެ ސަބަބުން ބަންގްލަދޭޝްގެ ކޯޓަކުން ހަސީނާއާ ދެކޮޅަށް މަރުގެ ހުކުމްކޮށްފިއެވެ.

ވެރިރަށް ޑާކާގައި ހުންނަ ކޯޓަކުން ވަނީ ހަސީނާގެ މައްޗަށް އިންސާނިއްޔަތާ ހިލާފު އެކި އެކި ޖަރީމާ ހިންގި ކަމުގެ ކުށްތައް ސާބިތުވާކަމަށް ނިންމާފައެވެ. ހަސީނާގެ ގައިރު ހާޒިރުގައި ކުރިއަށް ދިޔަ މި ޝަރީއަތުގައި ކޯޓުން ނިންމީ މިދިޔަ އަހަރު ރައްޔިތުން ކުރި މުޒާހަރާ ހުއްޓުވުމަށް ހިންގި ހަމަނުޖެހުންތަކުގެ ފަހަތުގައި ހުންނެވީ ހަސީނާ ކަމަށާ މިކަމަށްޓަކައި އެކަމާނާއަށް މަރުގެ އަދަބު ހައްގުވާ ކަމަށެވެ.

މިދިޔަ އަހަރު ބަންގްލަދޭޝްގައި ހިންގި ހަމަނުޖެހުންތަކުގައި 1،400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިވަގުތު އިންޑިއާގައި ހުންނެވި ހަސީނާ ވަނީ ކޯޓުގެ ނިންމުން ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވާފައެވެ. މި ބަޔާނުގައި ހަސީނާ ވިދާޅުވީ، މި ނިންމުމަކީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ފައިދާވާ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް އިއްވާފައިވާ މަރުގެ ހުކުމަކީ ހަސީނާ ނިސްބަތްވެވަޑައިގަންނަވާ އަވާމީ ޕާޓީ ފުނޑުފުނޑުކޮށްލުމަށް މިހާރުގެ ވަގުތީ ސަރުކާރުން ބޭނުން ކުރި އުކުޅެއް ކަމަށް ވެސް ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ވިދާޅުވިއެވެ.