ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަޤްފު އިމާރާތުން އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި އިމާރާތް ނިމުމުން އަހަރަކު 52 މިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އާމްދަނީގެ 20 އިންސަައްތަ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވާއިރު އާމްދަނީގެ 80 އިންސައްތަ އިސްލާމިކް ވަޤްފު ފަންޑަށް ޖަމާކުރާ ގޮތަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، (އާރުއާރުސީ)އާއި ހަވާލުކޮށްފިއެވެ.
މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، (އާރުއާރުސީ) އާއި ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އާދަމް ރަހީމްއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ 12 ބުރިއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަޤްފު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރެވޭ އިމާރާތެއް ކަމަށެވެ. އިމާރާތުގެ ބޭސްމަންޓުގައި ހާއްސަ ޕާކިން ސަރަހައްދެއް ހެދުމަށް ހަމަޖެހިފައިވާއިރު ގްރައުންޑް ފްލޯގައި ހުންނާނީ ރިސެޕްޝަން ސަރަހައްދާއި އިތުރު ޕާކިން ވަސީލަތްތައް ގާއިމުކުރެވިފައި ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ފުރަތަމަ ފަންގިފިލާ ވިޔަފާރި ބޭނުންތަކަށް ދޫކުރާ ގޮތަށް ހަމަޖެހިފައިވާއިރު ތިން ވަނަ ފަންގިފިލާއިން ބާރަވަނަ ފަންގިފިލާއަށް ޒަމާނީ އޮފީސްތަކާއި ނަމާދު ކޮޓަރިތަކުގެ އިތުރުން މީޓީން ރޫމް ގާއިމުކުރެވޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މި އިމާރާތުގެ ދެވަނަ އަދި 11 ވަނަ ފަންގިފިލާގައި ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ޒަމާނީ ހޯލު ހެދުމަށް ހަމަޖެހިފައިވާއިރު ފުރާޅު ނުވަތަ ރޫފްޓޮޕްއަކީ ހުޅުވާލެވިފައިވާ ޓެރަސްއެއްކަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި މި އިމާރާތުގައި ޑޭ ކެއާ ސެންޓަރެއް ތަރައްގާ ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމް ގާއިމުކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
24 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ޖުމްލަ އަގަކީ 244,508,842.00 ރުފިޔާއެވެ. މި މަޝްރޫއު ނިންމުމަށްފަހު 5 އަހަރު ދުވަހަށް އިމާރާތުގެ މެއިންޓެނަންސް މަސައްކަތް އެ ކުންފުނިން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފައިނޭންސް ކުރާ މަޝްރޫއެކެވެ.
