އުންމަތެއް ނުވަތަ ގައުމެއް ދިރިގެން އައުމުގެ އަސްލަކީ އަންހެނުންކަމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، 2024 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ ރެހެންދި އެވޯޑް ދިނުމަށް ރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
ކޮންމެ އިންސާނެއްގެވެސް ފުރަތަމަ މުދައްރިސް، އެހީތެރިޔާ، ހިޔާވަހި އަދި މަދަރުސާ އަކީ މައިމީހާ ކަމަށް ސާޖިދާ ވިދާޅުވިއެވެ. އަދި ގައުމަށް އެކި ރޮނގުރޮނގުން ހިދުމަތްކުރާ މީހުން ބިނާކުރުމުގައި މައިން ވާ ގުރުބާނީ އާއި އަދާކުރާ ޒިންމާތަކާއި ދޭ ލޯތްބާއި ދައްކާ ނަމޫނާ އެކަމަނާގެ ވާހަކައިގައި ފާހަގަކުރެއްވެވިއެވެ.
ސާޖިދާ ވިދާޅުވީ އަންހެނުން ކޮންމެ ވާޖިބެއް އަދާކުރިކަމުގައިވިޔަސް މައިވަންތަކަމުގެ ވާޖިބު ހަނދާނުގައި ބަހައްޓަންޖެހޭނެ ކަަމަށެވެ. އަދި އަންހެނުން އެކި ރޮނގުރޮނގުން ކުރިއަރައިދަނީ އެ ޒިންމާތަކާ އެކުގައި ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ބަދަލުވަމުން އަންނަ ގެވެށި، ފަންނީ އަދި އިޖުތިމާއީ ޒިންމާތަކަށް އިޝާރާތްކުރައްވާ ސާޖިދާ ވަނީ ފަންނިއްޔާތަށް އަހުލުވެރިވުމާއި ވިޔަފާރީގެ އާ ގޮތްތައް އީޖާދުކުރުމާއި ސިޔާސީ ފުރުސަތުތަކަށް ތައްޔާރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ދިވެހި އަންހެނުންނަކީ އިލްމީ، ވިސްނުންތެރި، ދުރުވިސްނޭ، އަބުރުވެރި، ހުޝިޔާރު އަދި ގާބިލު ބައެއްކަން ތާރީހުގެ ސަފުހާތަކުން ވެސް ފެންނަން އޮތް ކަމަށް ސާޖިދާ ވިދާޅުވިއެވެ.
އެގޮތުން ރޭގެ ރަސްމިއްޔާތުންވެސް ސާބިތުވެގެންދިޔައީ ދިވެހި އަންހެނުންގެ ގާބިލުކަމާއި ހީވާގިކަމާއި މުރާލިކަން އަދި ނަތީޖާ ހާސިލުކުރުމުގައި ވާ ގުރުބާނީ ކަމަށް ސާޖިދާ ވަނީ ވިދާޅުވެފައެވެ.
2024 ވަނަ އަހަރާއި 2025 ވަނަ އަހަރު، 14 ބޭކަނބަލަކަށާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމުއިއްޔާއަކަށް ރެހެންދި އެވޯޑު ލިބިފައިވެއެވެ. ރޭގެ ހަފުލާގައި އެފަރާތްތަކަށް އެވޯޑާއި ބްރޫޗް ހަވާލުކޮށްދެއްވީ ރައީސްގެ އަނބިކަނބަލުން ސާޖިދާއެވެ.
ރެހެންދި އެވޯޑަކީ، ގައުމީ ހިދުމަތުގައި އެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކޮށް، ދިވެހިރާއްޖޭގެ ގައުމީ ތަރައްގީއަށާއި އަންހެނުންގެ ކުރިއެރުމަށް އަގުހުރި ހިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކަށް، ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓް މިނިސްޓްރީއިން ދޭ ހާއްސަ އެވޯޑެކެވެ.
