ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ބައެއް ހިދުމަތްތައް ސަރުކާރުގެ ޑިޖިޓަލް ޕްލެޓްފޯމް "ވަންގަވް"އަށް މިއަދު ބަދަލުކޮށްފިއެވެ.
މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ)ގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، މިއީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. އެންސްޕާގެ ބައެއް ހިދުމަތްތައް ވަން ގަވްގެ ތެރެއަށް އިންކޯޕަރޭޓްކުރެވި ވަން ގަވް މެދުވެރިކޮށް ރައްޔިތުންނަށް މި ހިދުމަތް ފޯރުކޮށްދެވޭނެ މަގު ފަހިވެގެން ދިއުމަކީ ލިބިގެންދާ ވަރަށް ބޮޑު އުފަލެއްކަން ހީނާ ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ހީނާ ވިދާޅުވީ އެ އިދާރާގެ ހިދުމަތްތައް ވަންގަވް އަށް ބަދަލުކުރުމުގެ ސަބަބުން އެ އިދާރާގެ މުވައްޒަފުން ކުރަންޖެހޭ މަސައްކަތްތައް ފަސޭހަވެ، ހަލުވިކަމާއެކު ރައްްޔިތުންނަށް ހިދުމަތް ދެވޭނެ ކަމަށެވެ.
މިހާރު ވަންގަވް މެދުވެރިކޮށް ލިބޭ ހިދުމަތްތަކަކީ
- ފަގީރު ހާލަތުގައި އުޅޭ އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީ
- ފަގީރު ހާލުގައި އުޅޭ އެހެން މީހުންގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ދެމުންދާ އެހީ
- ފަގީރު ހާލަތުގައި ދިރިއުޅޭ މީހުން ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީ
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީ
- ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕީއަށް ދޭ އެހީ
މި ރަސްމިއްޔާތުގައި ހީނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެންސްޕާގެ އިތުރު ހިދުމަތްތައް ވެސް ވަންގަވް ޕްލެޓްފޯމުން ލިބޭނެ ކަމަށެވެ.
