ކުރީ ސަރުކާރުން މަޝްރޫއުތައް ހިންގި އެކި ކުންފުނިތަކަށް ނުދީ ހުރި ފައިސާގެ ތެރެއިން މި ސަރުކާރުން މިހާތަނަށް 444 މިލިއަން ރުފިޔާ ދީފައިވާ ކަމަށާއި މި ފައިސާ ދެއްކީ ޗާޕް ނުކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ އާޓިފިޝަލް ބީޗުގައި ޕީއެންސީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވައުދުވެވަޑައިގެން ކަންކަން ކުރައވާނެ ކަމަށެވެ. އެ ގޮތުން މިދިޔަ އޮކްޓޯބަރު މަހު ރައީސް ވަނީ ކުންފުނިތަކަށް ސަރުކާރުން ނުދީ ހުރި ފައިސާ ކުރިއަށް އޮތް ފަސް ހަފުތާ ތެރޭފައި ދީ ނިންމާނެ ކަމަށް ވިދާޅުވެފައެވެ.
މިކަމަށް ރިއާޔަތްކުރައްވަމުން ރައީސް ވިދާޅިވީ، ފަސް ހަފުތާ ވީތަނާ ބިލުތައް ދައްކަން ފެށީ ކަމަށާއި ފެށި ގޮތަށް މިއަދާ ހަމައަށް އައި އިރު ތަފާތު 1،040 ފަރާތަކަށް ކުރީގައި ކޮށްފައި ހުރި މަސައްކަތަށް ފައިސާ ދީފައިވާ ކަމަށެވެ. އެއީ ޖުމްލަ 444.3 މިލިއަން ރުފިޔާ ކަމަށެވެ. ކޮންޓްރެކްޓަރުންނަށް ނުދީ ހުރި ފައިސާ ދިނުން ކޮންމެ ދުވަހަކު ވެސް ކުރިއަށް ދާނެ ކަމަށާއި އެގޮތަށް ގޮސް ހުރިހާ ފައިސާއެއް ދީ ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ދެއްކީ މިދިޔަ ސަރުކާރުން އެކި މަސައްކަތް ކުރުވާފައި، އޮޅުވާލާފައި އެކި ފަރާތްތަކަށް ދެރަ ދީފައި ހުރި ބިލުތައް ކަމަށް ރައީސް ވިދާޅުވިއެވެ. އިދިކޮޅަށް ރައްދު ދެއްވަމުން ރައީސް ވަނީ އިދިކޮޅުން މި ސަރުކާރަށް ކުރާ ތުހުމަތުތަކަަށް ވެސް ރައްދު ދެއްވާފައެވެ.
އެ ގޮތުން މި ސަރުކާރުން ފައިސާ ޗާޕްކުރާ ކަމަށް ބުނެ ކުރާ ތުހުމަތުތަކާ ގުޅިގެން ރައީސް ވިދާޅުވީ ސަރުކާރުން އެކި ފަރާތްތަކަށް ދޭން ހުރި ފައިސާ ދެމުން އަންނަނީ ފައިސާ ޗާޕްނުކޮށް ކަމަށެވެ. ފައިސާ ޗާޕްކުރުމަކީ މި ސަރުކާރުން ނުކުރާނެ ކަމެއް ކަމަށާއި އެއީ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
