ފަލަސްތީނަށް އިޒްރޭލުން ހަމަލާ ދޭހާ ހިނދަކު އިޒްރޭލަށް މި ރާއްޖެއިން މަރހަބާއެއް ނިކިޔާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިރޭ ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން އަޑު އަހާނީ ރައްޔިތުންގެ އަޑު ކަމަށާއި އިޒްރޭލް ނޫން ހުރިހާ ގައުމަކާއެކުގައި ވެސް ގާތް ގުޅުމެއް ބާއްވާނެ ކަމަށެވެ. އިޒްރޭލާ އެކުގައި ގުޅުން ނުބާއްވާނެ ސަބަބު ހާމަ ކުރައްވަމުން ރައީސް ވިދާޅުވީ ފަލަސްތީނަށް ހަމަލާދޭހާ ހިނދަކު އިޒްރޭލާއެކު ގުޅުމެއް ނުބާއްވާނެ ކަމަށެވެ. ރައީސް ވެރިކަމާ ހަވާލުވެވަޑައިގެން އަދި ހުވާ ކުރެއްވި ދުވަހު ދެއްކެވި ވާހަކަފުޅުގައި ގައުމުގެ މިނިވަންކަން ހިފެހެއްޓުމަށް ރަތް ރޮނގެއް ދަމަންޖެހިއްޖެ ނަމަ އެ ރަތް ރޮނގު ދަމާނެ ކަމަށް ވިދާޅުވި ވާހަކަ ރައީސް ތަކުރާރު ކުރެއްވިއެވެ.

މި ރާއްޖެއަށް އެކުވެރިކަމާ އެކީގައި ގުޅުން ބަދަލުކުރާ އަޅުގަނޑުމެންނާ އެކީގައި ކުރިއަށްދާން ބޭނުންވާ ހުރިހާ ގައުމާ އެކީގައި ގާތް ގުޅުން ބާއްވައިގެން ކުރިއަށް ދިއުމަށް އެ ސިޔާސަތު މިއަދާ ހަމަޔަށް އައި އިރުވެސް މިއައީ ތަންފީޒުކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އެންމެ ކައިރި ގައުމުތައް ކަމުގައިވިޔަސް، އެންމެ ދުރު ގައުމުތައް ކަމުގައި ވިޔަސް، އިޒްރޭލު ފިޔަވައި ހުރިހާ ގައުމަކާ މި ގައުމު ގާތްގުޅުން އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަަށާއި އިސްލާމް ދީން ހިމާޔަތް ކުރުމަށް ކުރާ މަސައްކަތުގައި ދެމިހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ދީނީ ގޮތުން ރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްގީތައް ކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މިސްކިތްތަކާއި އިސްލާމިކް ސެންޓަރުތައް ގާއިމް ކުރުމުގެ އިތުރުން ޒަކާތު ފަންޑުން ކުރަމުންދާ މަސައްކަތް ރައީސް ފާހަގަކުރެއްވިއެވެ.