ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ހެލްތު އެކްސްޕޯ 2025 ހުޅުވައިދެއްވައިފިއެވެ.
އެކަމަނާ ހެލްތު އެކްސްޕޯ 2025 ހުޅުވައިދެއްވީ އެކަމަށްޓަކައި އިއްޔެ ހަވީރު، ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮތް ހާއްސަ ރަސްމިއްޔާތުގައެވެ.
ހެލްތު އެކްސްޕޯ 2025 އަކީ، ދުޅަހެޔޮ ޖީލަކާއި މުޖުތަމައެއް ބިނާކުރުމަށް ސިއްހީ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކާއި ސިއްހީ ގޮތުން ދުޅަހެޔޮ އާދަތަކަށް އާންމުން ހޭލުންތެރިކުރުމާއި ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހެލްތް މިނިސްޓްރީއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
ހެލްތު އެކްސްޕޯ 2025 ހުޅުއްވައިދެއްވުމަށްފަހު، ސާޖިދާ ވަނީ ހެލްތު އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ސްޓޯލްތަކުން ފޯރުކޮށްދެއްވާ މައުލޫމާތު އޮޅުންފިއްލުވާފައެވެ.
ސިއްހީ ކަންކަމާ ގުޅޭ ސައްހަ މައުލޫމާތާއި އެ ލިބޭ މައުލޫމާތުތަކަށް ފަހު ދެން އަމަލުތައް ބައްޓަންކުރަންވީ ގޮތާއި ވަކީން ހާއްސަކޮށް ބަލިޖެހުމުގެ ކުރީން ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ހިމެނޭހެން ވަށާޖެހޭ ގޮތެއްގައި ފުރިހަމަ ނިޒާމެއްގެ ތެރެއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް، މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލުތައް ހިމެނޭހެން ދާއިރާގެ ކަމާ ގުޅުންހުރި 50 އަށްވުރެ ގިނަ ޖަމުއިއްޔާ، ޖަމާއަތްތަކުން މި އަހަރުގެ އެކްސްޕޯގައި ބައިވެރިވެއެވެ.
މިއީ ސިއްހީ އެކި ކަންކަމަށް ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން މަސައްކަތުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމަށް ހުރިހާ އުމުރެއްގެ ބޭފުޅުންނަށްވެސް ބައިވެރިވެވޭ ގޮތަށް، އާންމުކޮށް ހުޅުވާލައްވައިގެން ބާއްވަވާ އެކްސްޕޯއެކެވެ.
"ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން، ހެލްތު އެކްސްޕޯ 2025 ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13، 15 އަދި 16، މި 3 ދުވަހުއެވެ.
