އިމިގްރޭޝަނުން ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބިދޭސީން ބަލާ ފާސްކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ، ރޭގެ ވަގުތެއްގައި ގިނަ އަދަދެއްގެ ބިދޭސީން ވިޔަފާރީގެ ހަރަކާތްތަކުގައި ޝާމިލްވަމުންދާކަން ފާހަގަކުރެވިފައިވާ ކަރަންކާ މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކާއި ސަރަހައްދުތައް ހިމެނޭހެން ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

މި ކާމިޔާބު އޮޕަރޭޝަނުގައި ޖުމްލަ 347 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ޚިލާފަށް ތިބި 66 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ މައުލޫމާތު ދީފައެވެ.

ގާނޫނާ ހިލާފަށް ވިޔަފާރިކުރާ، އަދި ސައްހަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން އެމީހުންގެ އަމިއްލަ ގައުމަށް އަނބުރާ ފޮނުވާލުމަށް ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން ދަނީ މާލޭ ސަރަހައްދުގައި ހާއްސަ ރެއިޑް އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. އެފަދަ އޮޕަރޭޝަންތަކުގައި މީގެ ކުރިން ވެސް ވަނީ ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށްފައެވެ.

ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަނުން ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންގެ ތެރެއިން

މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވައި، އެ ތަންތަން ބަންދު ކުރުމުގެ އިތުރުން އެފަދަ ބިދޭސީން ވަގުތުން ޑީޕޯޓު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ނަމަވެސް، އެކަމަށް ހައްލެއް ހޯދުމަށް މީގެ ކުރިން މާ ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ނުވާ ނަމަވެސް މި ސަރުކާރުން މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މައުލޫމާތު ހޯދައި، ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ދެނެގަނެ، އެފަދަ 8000 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްފައެވެ.