10.15 ހެކްޓަރުގެ ބިން އިތުރުކޮށް ކ. ގުޅީ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފިއެވެ.

ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގުޅީ ބިންހިއްކުމުގެ މަޝްރޫއު ނިމުމަކީ ރައްޔިތުންގެ ތަރައްގީގެ ގިނަ ކަންތައްތަކެއްގެ ފެށުމަށް އެއްލުނު ސަފުހާއެއް ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް ބިން ބޭނުންކުރުމަށްޓަކައި ހެދިގެންދާ ލޭންޑްޔޫސް ޕްލޭން ވެގެންދާނީ އެންމެ ހެޔޮ ގޮތުގައި ބިމުގެ ބޭނުން ހިފުމަށް ފަހިވެގެންދާނެ ޕްލޭނަކަށް ކަމަށާއި، ގުޅީ ބިން ހިއްކުމުގެ މަޝްރޫއު ކާމިޔާބު ކަމާއެކު ނިންމާލެވިފައިވަނީ ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށެވެ.

ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވަނީ ގޯތިގެދޮރު ބިނާކުރުން ފަދަ ކަންކަމުގެ މަގުފަހިކޮށްދެއްވަމުން ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގައި 10.15 ހެކްޓަރުގެ ބިން އިތުރުކޮށްފައިވާއިރު، މި މަޝްރޫއުގެ ދަށުން 940 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 362 މީޓަރު ދިގުމިނުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމުގެ އިތުރުން 88 މީޓަރުގެ ބޮޑުހިލައިގެ ހުރަސްތޮށިވެސް ވަނީ ޖަހާފައެވެ.

ފާހަގަކުރެވޭ ގޮތުގައި ރައީސް އޮފީހުން ބުނީ މިއަދުގެ ރަސްމިއްޔާތުގައި ކ. ގުޅި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއިކުރައްވާފައިވާ ކަމަށެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 530 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު އަދި ނެރު ފުންކުރުމާއި ކުރީގެ ބަނދަރު މަރާމާތުކުރުމުގެ އިތުރުން ކުދި އުޅަނދުފަހަރު އެޅުމަށް ބޭރުތޮއްޓާ އަދި ކޮންކްރީޓް ޖެޓީއެއް އެޅުން ހިމެނޭކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.