އިންޑިއާގެ ވެރިރަށް ނިއު ދިއްލޫގެ ރެޑް ފޯޓްގައި ކާރެއް ގޮވާ ބަޔަކު މަރުވި ހާދިސާއާ ގުޅިގެން އެ ގައުމުގެ ސަރުކާރަށާއި އާންމުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
ނިއު ދިއްލީގެ ރެޑް ފޯޓް މެޓްރޯ ސްޓޭޝަންގެ ގޭޓް ނަމްބަރު 1 ކައިރީގައި އޮތް ކާރެއްގެ ތެރޭ އެއްޗެއް ގޮވާފައިވަނީ ރޭ އިރާކޮޅުއެވެ. އެ ހާދިސާގައި 13 މީހުން މަރުވެ 24 މީހުން ވަނީ ޒަހަމްވެފައިވާއިރު އެ ގޮވުމުގެ ސަބަބުން ހަ ވެހިކަލަކާއި ތިން އޮޓޯއެއްގައި ވަނީ އަލިފާން ރޯވެފައެވެ.
މި ހާދިސާއާއ ގުޅިގެން ރައީސް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ ރެޑް ފޯޓްގައި ހިނގި އެ ހިތާމަވެރި ހާދިސާއާ މެދު ހިތާމަ ކުރައްވާ ކަމަށެވެ. ހަމަ އެހެންމެ މަރުވި ފަރާތްތަކުގެ އާއިލާތަކަށް އިހުލާސްތެރި ތައުޒިޔާ އަރިސްކުރާ ކަމަށާއި، އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދޭ ކަމަށްވެސް އެމަނިކުފާނުގެ ޕޯސްޓުގައި ވެއެވެ.
އަދި، މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އިންޑިއާ ސަރުކާރާއި ރައްޔިތުންނާ އެކުގައިކަން އެމަނިކުފާނު ހާމަކުރައްވާފައި ވެއެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް ދެނެގަނެފައި ނުވި ނަމަވެސް އިންޑިއާގެ ބައެއް ނޫހާ ހަވާލާދީ ބުނާ ގޮތުން އެ ހާދިސާ ހިނގި ސަރަހައްދާ މާ ދުރުނޫން ސަރަހައްދެއްގައި ޝައްކު ކުރެވޭ ގޮތަށް ހަރަކާތްތައް ހުރި މީހަކު މިހާރު ވަނީ ދެނެގަނެވިފައެވެ. އެގޮތުން އެސަރަހައްދުގެ ޕާކިންޒޯނެއް ކައިރިން ކަޅުކުލައިގެ މާސްކެއް އަޅާފައިވާ މީހަކު ވެހިކަލެއް ދުއްވާފައިދާ މަންޒަރު ފެންނަ ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެއެވެ.
