ބިދޭސީންގެ ޕާސްޕޯޓު އިމިގްރޭޝަނަށް ގެންގޮސް ވިސާ ޖެހުމުގައި ގިނަ ފަރާތްތަކަކުން އުފުލި ތަކުލީފަށް މިއަދު ހައްލެއް ހޯދައިދީ، މޮބައިލް އެޕްލޮކޭޝަން އެއް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން ވެސް ވިސާއަށް އެދި ހުށަހަޅައި، އީ-ވިސާ ހޯދޭނެ ގޮތް މޯލްޑިވްސް އިމިގްރޭޝަން އިން ހަމަޖައްސައިފިއެވެ.

ދިވެހިރާއްޖޭގައި މަސައްކަތްކުރާ އަދި އެހެނިހެން ބޭނުންތަކުގައި ދިރިއުޅޭ ބިދޭސީންނަށް ރާއްޖޭގައި އުޅުމުގެ ހުއްދަ ނުވަތަ ވިސާ ދޫކުރުމަކީ ޒަމާނުއްސުރެ މޯލްޑިވްސް އިމިގްރޭޝަނުން ފޯރުކޮށްދެމުން ދިޔަ މުހިންމު ހިދުމަތެކެވެ. މި ހިދުމަތް ފޯރުކޮށް ދިނުމުގެ ނިޒާމަށް ޒަމާނާއެކު ގިނަގުނަ ބަދަލުތަކެއް އައިސްފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރު "ދިވެހިރާއްޖެ 2.0" ގެ ދަށުން، އީ-ވިސާ މިއަދު ވަނީ ތައާރަފް ކޮށްފައެވެ. މި ހިދުމަތް ރަސްމީކޮށް އިފްތިތާހްކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މި ޒަމާނީ ނިޒާމު ތައާރަފު ކުރުމުގެ ކުރިން، ވިސާއަށް އެދި ހުށަހަޅަން ޖެހެނީ ކަރުދާހުގައި ޕްރިންޓްކޮށްފައިވާ ފޯމުތައް މެދުވެރިކޮށެވެ. ފަހުން މި ނިޒާމު އޮންލައިން ޕްލެޓްފޯމަކަށް ބަދަލުކުރެވުނު ނަމަވެސް، ވިސާ ޖެހުމަށްޓަކައި އެޕޮއިންޓްމަންޓް ހަދައި، އިމިގްރޭޝަނަށް ހާޒިރުވެ، ޕާސްޕޯޓު ހުށަހެޅުން އޮތީ ލާޒިމް ވެފައެވެ. މިއީ އެންމެހާ ވީޒާއާ ގުޅުން ހުރި ހިދުމަތްތަކަށް އެދޭ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންނަށް ދަތިތަކާ ކުރިމަތިވަމުން އައި ކަމެކެވެ. ހާއްސަކޮށް މާލެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް މިކަމުން ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.

އިމިގްރޭޝަން އިން ބުނީ، ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށް ވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހިދުމަތް ފޯރުކޮށް ދިނުމަށާއި، ދައުލަތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އާންމު މައުލޫމާތާއި ދޭ ހިދުމަތްތައް ހަލުވި ކަމާއި އިތުބާރާއެކު ފޯރުކޮށްދީ، އިގްތިސޯދު ކުރިއެރުވުމަށްޓަކައި ހިދުމަތް ދެމުންދާ ނިޒާމު ބަދަލުކުރުމަށް "ދިވެހިރާއްޖެ 2.0" ގެ ދަށުން، ބާރު އަޅާ ކަމަށެވެ. އެގޮތުން އީ-ވިސާ އާއި މޯލްޑިވްސް އިމިގްރޭޝަންގެ މޯބައިލް އެޕްލިކޭޝަނަކީ މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުން ފަރުމާކޮށް ތައްޔާރުކޮށްފައިވާ ވަރަށް ހާއްސަ ޑިޖިޓަލް ނިޒާމެއް ކަމަށް އިމިގްރޭޝަން އިން ބުނެއެވެ. އަދި މިއީ އިމިގްރޭޝަންގެ ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ މުހިންމު ބަދަލެއް ކަމަށް ވެސް ފާހަގަކުރެއެވެ.

އީ-ވީޒާގެ ހިދުމަތް ތައާރަފުކުރުމާއެކު، މީގެކުރިން ވީޒާގެ ހިދުމަތް ހޯދުމަށްޓަކައި ވަކިވަކި ސިސްޓަމްތައް ބޭނުންކުރަން ޖެހުމުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވަމުން ދިޔަ ގޮންޖެހުންތަކަށް ހައްލު ލިބި، ލުއިފަސޭހަކަމާއެކު ވިސާއަށް އެދި ހުށަހެޅޭނެ ކަމަށް އިމިގްރޭޝަން އިން ބުނެއެވެ. އަދި ވިސާ ދޫކުރުމާއެކު އީ-ވިސާ އޮންލައިންކޮށް ޑައުންލޯޑްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އީ-ވިސާގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ކިއު.އާރް ކޯޑެއް ހިމެނިފައި ވާއިރު، މި ހިދުމަތްތައް މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އާންމުންނަށް ލިބިގެންދާނެ ކަމަށް އިމިގްރޭޝަން އިން ބުނެއެވެ.

މީގެ އިތުރުން، ވީޒާ ދޫކުރެވިފައިވާ ބިދޭސީ ފަރާތަށް، މޯލްޑިވްސް އިމިގްރޭޝަންގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އެ ފަރާތަކަށް ދޫކުރެވިފައިވާ އީ-ވީޒާ ގެ މައުލޫމާތު ބަލާލެވޭނެއެ. އަދި ކުރިމަގުގައި އީ-ވީޒާ ބޭނުންކޮށްގެން އެކިއެކި ހިދުމަތްތައް ހޯދުމުގެ މަގުފަހިވެގެންދާނެ ކަމަށް ވެސް އިމިގްރޭޝަން އިން ބުނެއެވެ.