ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް އަނެއްކާވެސް އަތުލައިގެންފިއެވެ.
ފުލުހުން ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން ގެންދާ ބިދޭސީން ހޯދުމަށް އިއްޔެ އާއި މިއަދު މާލެ އަދި ހުޅުމާލޭގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ، 8 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
އިއްޔެ ކުރިއަށްގެންދިޔަ މިފަދަ އޮޕަރޭޝަނެއްގައި ވެސް މާލޭގެ 8 ކެފޭއެއް ބަލާ ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް އެކިކަންކޮޅުތަކުގައި އޮޕަރޭޝަނެއް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވައި، އެ ތަންތަން ބަންދު ކުރުމުގެ އިތުރުން އެފަދަ ބިދޭސީން ވަގުތުން ޑީޕޯޓު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ނަމަވެސް، އެކަމަށް ހައްލެއް ހޯދުމަށް މީގެ ކުރިން މާ ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ނުވާ ނަމަވެސް މި ސަރުކާރުން މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މައުލޫމާތު ހޯދައި، ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ދެނެގަނެ، އެފަދަ 8000 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްފައެވެ.
