ސިފައިންނާ ފުލުހުންގެ ކުރިއެރުމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން މުހިންމު މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް މިއަދި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މި ވޭތުވެދިޔަ 2 އަހަރުވެސް ދިފާއީ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް ސަރުކާރުން ވަރަށް ހާއްސަ އިސް ކަމެއް ދޭނެ ކަމަށެވެ. އަދި އަންނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި ސިފައިންނާ ފުލުހުންގެ ހިދުމަތާއި ތަމްރީންތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރާނެ ކަމަށް ވިދާޅުވިއެވެ.
ދިފާއީ ކަންކަން ބެލެހެއްޓުމަށް އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓުގައި ވަނީ 2.8 ބިލިޔަން ރުފިޔާ ހިމާނާފައެވެ.
ރައީސް ވިދާޅުވީ، ކަޅުތުއްކަލާ ކޮށީގައި ސިފައިން ބޭނުންކުރާ އިމާރާތްތައް ވެސް ދަނީ ބާވެ ވީރާނާ ވަމުން ކަމަށާއި އެކަން ނިމުމަކަށް ގެނެސް ހައްލު ހޯދައި ދެއްވާނެ ކަމަށެވެ. ދެކުނުން އައްޑޫ ސިޓީގައި ސިފައިންގެ ތަމްރީން މަރުކަޒެއް އެޅުމަށް ވެސް ނިންމާފައިވާ ކަމަށާއި ގިރިފުށީގައި ވެސް ޓްރެނިން ސެންޓަރުގެ މަސައްކަތް މިހާރު އެވަނީ ފަށާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
