މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށް، ހުދުމަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
އެމަނިކުފާނު މިފަދައިން ނިންމެވީ ނެރުއްވި ގަރާރަކުންނެވެ. އެގޮތުން ދިވެހީންގެ ދީނާއި ދިވެހީންގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށް ޓަކައި ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށް ވަނީ އެމަނިކުފާނު އަންގަވާފައެވެ.
މީގެ އިތުރުން ވެސް ދިވެހިރާއްޖޭގެ ސަރަހައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށާއި، ރެޔާއި ދުވާލު 24 ގަޑއިރު ހުއްޓުމެއްނެތި ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި އަސްކަރިއްޔާއާ މަތިކުރެވިފައިވާ ޒިންމާއާއި ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށް، އެ އެއާ ސްޓޭޝަނުގެ ހިދުމަތް ފެށުމަށް މި ގަރާރުން ވަނީ ދިވެހި ސިފައިންގެ މައްޗަށް އެ ގަރާރުގައި އަންގައި އަމުރުކޮށްފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއާ ކޯ އުފެއްދެވީ 15 މާރިޗު 2024 ގައެވެ.
އޭގެފަހުން އަސްކަރީ ވައިގެ ހިދުމަތާއެކު، ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމުގެ ގޮތުން، އެ ސަރަޙައްދު ބެލެހެއްޓުމަށް ޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ އެމްއެންޑީއެފް އެއާ ކޯއިންނެވެ.
އަންމޭންޑް އޭރިޔަލް ވެހިކަލް (ޔޫއޭވީ) ނުވަތަ އަސްކަރީ ޑްރޯން ސިފައިންގެ ހިދުމަތަށް ތައާރަފުކޮށް އެ ތަކެތި މީގެ ކުރިން ދައްކާލާފައިވާއިރު ޔޫއޭވީތައް ގެނެސްފައި ވަނީ ތުރުކީންނެވެ. ޔޫއޭވީގެ ހިދުމަތަކީ ރައީސް މުއިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގެން ތުރުކީވިލާތަށް ފުރަތަމަ ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ފެއްޓެވި މަސައްކަތްޕުޅުގެ ދަށުން، އެމްއެންޑީއެފްގެ އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ހޯއްދެވި ވަސީލަތެކެވެ.
