ދިވެހިރާއްޖެ ދުންފަތުގެ އިސްތިއުމާލުން އެއްކިބާކުރުމަށްޓަކައި ސަރުކާރުން އަޅުއްވާފައިވާ "ޖެނެރޭޝަނަލް ބޭން"ގެ ފިޔަވަޅަކީ ތާރީހީ އަދި ފަހުރުވެރި ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ސާޖިދާ މިފަދައިން ވިދާޅުވީ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން އެކަމަނާ ވިދާޅުވީ، މިއަދު އެޅިގެންދިޔަ މި ފިޔަވަޅަކީ ކުރިމަގުގެ ޖީލުތަކުގެ ދުޅަހެޔޮކަމަށް ކުރެވޭ ވަރުގަދަ އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މި ގާނޫނު ތަންފީޒުކުރުމަށް ސަރުކާރުން ދައްކަވާފައިވާ ލީޑާޝިޕަށް ސާޖިދާ ވަނީ ތައުރީފް ކުރައްވާފައެވެ.
މީގެ އިތުރުން ވެސް މި ފިޔަވަޅުގެ ސަބަބުން ބަލިތަކުން ރައްކާތެރި ގައުމުގެ ޒުވާނުންނަށް ރަނގަޅު، އުޖާލާ މުސްތަގްބަލެއް ބިނާ ކުރުމަށް އެހީވާނެ ކަން ފާހަގަ ކުރައްވާ އެކަމަނާ ވަނީ މިއަދަކީ ދިވެހި ރާއްޖެއަށް ފަހުރު ވެރި ދުވަހެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
މިއަދު އަމަލު ކުރަންފެށި ޖެނެރޭޝަނަލް ބޭން ގާނޫނުގައިވާ ގޮތުން ދުންފަތުގެ ބާވަތްތައް ވިއްކޭނީ ހަމައެކަނި ލައިސަންސް އޮތް ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނުގައެވެ. އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިންތައް މެދުވެރިކޮށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ ވާނެއެވެ. އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ މެޝިނަރީ ރާއްޖެއަށް އެތެރެކުރުން މަނާކޮށް އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ގެންގުޅުމާއި ބޭނުންކުރުން ވެސް މަނާވާނެއެވެ.
އުމުރުން 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެދުންފަތުގެ ބާވަތްތައް ގަންނަ މީހާއަކީ އުމުރު ހަމަވެފައިވާ މީހެއްކަން ކަށަވަރު ކުރުމަށް އެމީހެއްގެ އައިޑީކާޑު ވިއްކާ ފަރާތުން ބަލަންޖެހޭނެ ކަމަށް ވެއެވެ. އަދި ބިލުގައި ހުރި ކަންކަމާ ހިލާފަށް އަމަލު ކުރާ މީހަކު 1000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މިއަދު މި ގާނޫނަށް އަމަލު ކުރަން ފެށިއިރު ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ކުރަމުންދާ ކުރާ މަސައްކަތުގައި ރާއްޖެ އަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން މަނާކޮށްފަ އެވެ.
