މ. ބޮޑުގެ ހުރި ސަރަހައްދުގައި ބިނާ ކުރާ ޒަމާނީ މިސްކިތާއި ދައުވާ ސެންޓަރުގެ ބިންގާ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޅުއްވައި ދެއްވައިފިއެވެ.
މ. މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަހައްދުގައި އަލަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ޒަމާނީ މިސްކިތާއި ދައުވާ ސެންޓަރުގެ ބިންގާ، އެޅުމަށް އިއްޔެ އެ ސަރަހައްދުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލެއްވިއެވެ.
1250 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށް ތަރައްގީ ކުރާ ޒަމާނީ މިސްކިތަކީ ގިނަ ވަސީލަތްތަކަކާއެކު ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ މިސްކިތެކެވެ. އެގޮތުން މިސްކިތުގެ ގްރައުންޑް ފްލޯގައި މައި ނަމާދު ކުރާ ބައި، ވުޟޫ ކުރާ ސަރަހައްދު އަދި ފާހާނާ ބަރި ހެދުމަށް ހަމަޖެހިފައިވާއިރު މެޒެނީން ބުރީގައި އަންހެނުން ނަމާދު ކުރާ ބައި އެއްވަނަ ބުރީގައި ނަމާދު ކުރާ ބައި، އިއުތިކާފް ސަރަހައްދު ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިސްކިތުގެ ދެވަނަ ބުރީގައި 150 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، ޒަަމާނީ ކްލާސްރޫމްތަކެއްގެ އިތުރުން ލައިބްރަރީއަކާއި އެޑްމިން އޮފީސް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިސްކިތުގެ ޓެރަސްއަކީވެސް ނަމާދު ކުރެވޭ ގޮތަށް ގާއިމްކުރެވޭނެ ބައެކެވެ.
މި މިސްކިތުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެނިކުމެވޭނެ އިންތިޒާމް ގާއިމް ކުރުމަށް ހަމަޖެހިފައިވާއިރު އެފަދަ ފަރާތްތަކަށް ބޭނުންކުރެވޭނެ ފާހާނާ އަދި ވުޟޫ ކުރާ ސަރަހައްދު ގާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މިސްކިތުގެ ބޭނުންކުރާ ފަރާތްތަކުގެ ލުއިފަސޭހައަށް މިސްކިތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.
ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުއަކީ އަމިއްލަ ފަރާތްތަކަކުން ހަރަދުކުރާ މަޝްރޫއުއެކެވެ. މި މަޝްރޫއު ނިންމުމަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.
މާލެ ސިޓީގައި ބާވެފައި ހުރި މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ބޮޑެތި މިސްކިތްތައް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެެކެވެ. މިގޮތުން ރައްދެބައިމަގާއި މަޖީދީމަގު ކަންމަތީގައި ހުރި ދުވަސްވީ ބަރުބަރީ މިސްކިތުގެ މަސައްކަތް ވެސް މިދިޔަ އަހަރުގައިވަނީ ފެށިފައެވެ. ތިން ބުރިއަށް ބިނާކުރެވޭ ޒަމާނީ އެ މިިސްކިތް މިއަހަރުގެ ޑިސެމްބަރު މަހުގައި ހުޅުވުމަށްބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. އަދި މަޖީދީމަގުގައި ހުންނަ ޒިކުރާ މިސްކިތް އަންނަ ޖަނަވަރީ މަހުގައި ފެށޭނެއެވެ.
