ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަދި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި ފޯރިގަދަ މެޗެއް މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މެޗަކީ ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފާހަގަކުރުމަށް ގަލޮޅު ފުޓުބޯޅަ ދަނޑުގައި މިއަދު ކުރިއަށްގެންދިޔަ ހާއްސަ އިވެންޓްގެ ތެރެއިން ކުޅެވުނު މެޗެކެވެ.

މި މެޗުގައި ފީފާގެ ރައީސް އިންފަންޓީނޯ އަދި ރައީސް މުއިއްޒުގެ އިތުރުން ފީފާގެ އިސްވެރިންނާއި ސަރުކާރުގެ އިސްވެރިން އަދި ރާއްޖޭގެ ފުޓުބޯޅަ ކުޅުންތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. 6-4 ގެ ނަތީޖާއަކުން މި މެޗު ކާމިޔާބުކުރެއްވީ އިންފަންޓީނޯ ހިމެނިވަޑައިގެންނެވި ފީފާގެ ޓީމުންނެވެ. މިއަދު ބޭއްވި ހަރަކާތުގައި މި މެޗުގެ އިތުރުން ވެސް ރާއްޖޭގެ ފުޓުބޯޅަ އެކެޑަމީތަކުގެ މެދުގައިވެސް ވަނީ މެޗެއް ކުޅެވަފައެވެ.

ދިވެހި ފުޓްބޯޅައަށް 75 އަހަރުފުރުން ފާހަގަކުރުމަށް ބޭނުންކުރާ ލޯގޯ މިއަދު ބޭއްވި އިވެންޓްގައި ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައެވެ. މި ލޯގޯ އިފްތިތާހުކޮށްދެއްވީ ފީފާގެ ރައީސް އިންފަންޓީނޯ އަދި ރައީސް މުއިއްޒުއެވެ.

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވާފައިވާއިރު މުއީ ފީފާގެ ރައީސަކު ރާއްޖެއަށް ވަޑައިގެން 2 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ފީފާގެ ރައީސަކު ރާއްޖެ ވަޑައިގެންފައި ވަނީ 2006 ވަނަ އަހަރުގައެވެ. އެއީ އޭރު ފީފާގެ ރައީސްގެ މަގާމުގައި ހުންނެވި ސެޕް ބްލެޓާއެވެ.