ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މިއީ، ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2006 ވަނަ އަހަރު ރާއްޖެ ވަޑައިގަތީ އޭރުގެ ރައީސް ސެޕް ބްލެޓާ އެވެ.
އިންފަންޓީނޯ މިއަދު ހެނދުނުގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވިއިރު، އެއާޕޯޓުން އޭނާ އަށް މަރުހަބާ ދެންނެވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގާއި، ތިމާވެއްޓާއި ފަތުރުވެރިކަމާއި ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމްގެ އިތުރުން، އެފްއޭއެމްގެ ވެރިންނެވެ. އިންފަންޓީނޯ ރާއްޖެއައުމުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައިވަނީ ސަގާފީ ހުށަހެޅުންތަކާއެކުއެވެ.
އިންފަންޓީނޯގެ ދަތުރުގެ ތެރެއިން ރާއްޖޭގެ ފުޓުބޯޅައިގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުމުގައި ފުޓުބޯޅައިގެ ކުރިއެރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެއެވެ. މީގެ އިތުރުން ވެސް އިންފަންޓީނޯގެ ޝަރަފުގައި ހާއްސަ ފުޓުބޯޅަ މެޗެއް ވެސް މިއަދު ހަވީރު ކުޅެން ހަމަޖެހިފައި ވެއެވެ.
ދާދި ފަހުން އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް ވަނީ ފީފާގެ ދައުވަތަކަށް އެ އިދާރާގެ ހެޑްކުއާޓާޒްގައި އޮތް ބައްދަލުވުމަކަށް ވަޑައިގެން އިންފަންޓީނޯއާ ބައްދަލުކުރައްވައިފައެވެ.
އެފްއޭއެމްގެ ރައީސްގެ މަގާމުގައި ބައްސާމް އަދީލް ޖަލީލް ހުންނެވިއިރު އޭނާއާ އިންފަންޓީނޯ ގާތް ގުޅުމެއް ބޭއްވި އެވެ. ނަމަވެސް، ބައްސާމްގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެ އެ ގުޅުން ހީނަރުވެގެންދިޔަ އެވެ.
