އެމްޑީޕީ ސަރުކާރު ދިޔައީ 50 މިލިއަން ރުފިޔާއިން އިސްލާމިކް މިނިސްޓްރީ ދަރުވާލާފައި ކަމަށާއި މަޝްރޫއުތައް ނިންމުމަށް މިވީ ދެ އަހަރު ތެރޭ 170 މިލިއަން ރުފިޔާ ދައްކަން ޖެހުނު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެެވެ.
ޝަހީމް މިހެން ވިދާޅުވީ، މިއަދު މަޖިލީހުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު، އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން މިދިޔަ ސަރުކާރުން ބަޔަކާ ހަވާލު ކޮށްގެން ހިތަދޫގައި އަޅަން ފެށި އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދަނީ އެ މަސައްކަތް ކުރަމުންދާ ކުންފުންޏަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭތީ ކަމަށް އެނގިފައިވާ ކަމަށާއި އަދި އެ މިސްކިތް ކުރިއަށް އޮތް ދެތިން އަަހަރު ތެރޭ ނިމޭނެ ތޯ ނާޒިލް އެއްސެވިއެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ، މެންބަރު ދެއްކެވި ވާހަކަތައް މުޅިން ރަނގަޅު ނޫން ކަމަށާއި އެ މިސްކިތުގެ މަސައްކަތަށް ކޮންޓްރެކްޓަރަށް ދޭން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށެވެ. ހުރިހާ ބިލަކަށް ފައިސާ ދައްކަވާފައިވާނެ ކަމަށް ޝަހީމް ވިދާޅުވިއެެވެ. އެމްޑީޕީ ސަރުކާރުން މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ މަސައްކަތް ކުރުމުގެ ކެޕޭސިޓީ ނެތް ބަޔަކާ ކަމަށާއި މަޝްރޫއުތައް ލަސްވަނީ އެހެންވެ ކަމަށް ޝަހީމް ވިދާޅުވިއެެވެ.
މި ސަރުކާރު ވެރިކަމަށް އައި އިރު މިދިޔަ ސަރުކާރުން ވަނީ ފައިސާ ނުދީ މަސައްކަތް ކުރުވާފައި ކަމަށާއި އެމްޑީޕީން ދިޔައީ އިސްލާމިކް މިނިސްޓްރީ ދަރަނިކޮށްފައި ކަމަށް ޝަހީމް ވިދާޅުވިއެެވެ. އެގޮތުން މި ސަރުކާރުން ވެރިކަމަަށް އައިސް މި ވޭތުވެދިޔަ ދެ އަހަރު ތެރޭ މަޝްރޫއުތައް ނިންމުމަށް 170 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެެވެ. އެމްޑީޕީ ސަރުކާރުން ދިޔައީ އިސްލާމިކް މިނިސްޓްރީ ދަރުވާލާފައި ކަމަށާއި 50 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށް ޝަހީމް ވިދާޅުވިއެެވެ.
ޝަހީމް ޖަވާބު ދެއްވަމުން ދިޔަ ވަގުތު މަޖިލިސްގެ ތަޅުމުގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ދިޔައީ އަޑުގަދަކޮށް ރައްދު ދެމުންނެވެ. ބައެއް މެންބަރުން ގޮން ތެދުވެވަޑައިގެން އަޑުގަދަކުރަމުން ދިއުމުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ އެ މެންބަރުންނަށް ނަސޭހަތްތެރިވެފައެެވެ. އެގޮތުން ބާރަށު ދާއިރާގެ މެންބަރު، އިބްރާހިމް ސުޖާއު އާއި ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރުގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއަށް ރިޔާސަތުން ނަސޭހަތްތެރިވިއެވެ. އަދި އެއަށްފަހު މައުރޫފްގެ ނަން އިއްވައި ތަޅުމުން އެނާ ވަނީ ބޭރު ކޮށްފައެވެ.
އެއަށްފަހު ވެސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޝަހީމް ވަނީ ޖަވާބު ދެއްވާފައެެވެ. ގިނަ މެންބަރުން ވަނީ ރަށްރަށުގައި އަޅާ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކުގެ މަސައްކަތް ނިމޭނެ ތާރީހެއް އޮޅުން ފިލުވަން ސުވާލު ކުރައްވާފައެވެ. މި ސުވާލުތަކަށް ގުޅިގެން ޝަހީމް ވަނީ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނޭހެން އިސްލާމީ ދާއިރާތަކުގެ 15 މަޝްރޫއެއް އަންނަ ރޯދަމަހުގެ ކުރިން ނިމޭނެ ކަމަށް ވިދާޅުވިއެެވެ. އޭގެ ތެރޭގައި 500 މީހުންގެ ޖާގައިގެ މިސްކިތްތަކާއި 700 މީހުންގެ ޖާގައިގެ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނޭނެ