ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ސައުދިއާ އަށް ހިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން ސައުދިއާ އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
އެ ރަސްމިއްޔާތުގައި ސައުދިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 57 ފަސިންޖަރުންނަށް ހަދިޔާ ދީފައިވާއިރު، ޓާމިނަލް 1 އަށް ކައިރި ކުރި ސައުދިއާގެ ފުރަތަމަ މަތިންދާބޯޓު، SV838 ރާއްޖެ އައި 127 ފަސިންޖަރުންނަށް މަރުހަބާ ކިޔާފައިވަނީ ސަގާފީ ހަރަކާތްތަކާއެކުގަވެ.
ސައުދިއާ އަކީ ސައުދީ އަރަބިއާގެ ގައުމީ އެއާލައިނެވެ. އެމްއޭސީއެލްއިން މައުލޫމާތު ދީފައިވާ ގޮތުގައި އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 30 މާޗު 2016 ގައެވެ. ސައުދިއާ އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 11 ވަނަ އެއާލައިންކަން އެމްއޭސީއެލްއިން ވަނީ ފާހަގަކޮށްފައެވެ.
އެމްއޭސީއެލްއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.