ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަންގެ ތެރެއިން އިއްޔެ އަތުލައިގެން 14 ބިދޭސީންނާއެކު މި މަހު އަތުލައިގެން ބިދޭސީންގެ އަދަދު 41 އަށް އަރައިފިއެެވެ.
އިމިގްރޭޝަނުން ބުނީ، ހުޅުމާލެ ފޭސް 1 ގައި ހިމެނޭ ބާ ދަގަނޑުގެ ވިޔަފާރި ކުރާ ތަންތަނަށް އަމާޒުކޮށްގެން ޓާސްކް ފޯސްއިން ވަނީ އިއްޔެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގެ ދަށުން ޖުމްލަ 21 މީހަކު ޗެކުކޮށް، އޭގެ ތެރެއިން 14 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ބުނެއެވެ.
އިއްޔެ ހިންގި މި އޮޕަރޭޝަންގައި 14 މީހުން އަތުލައިގެންފައިވާ އިރު، މި މަހުގެ 14 ވަނަ ދުވަހު ހުޅުމާލެ ފުރަތަމަ ފޔަވަހީގައި ހިންގި އޮޕަރޭޝަނެއްގައި ވަނީ 12 މީހަކު އަތުލައިގެންފައެވެެ. ހަމައެއާއެކު މި މަހުގެ 10 ވަނަ ދުވަހު މާލޭގެ ރޯޝަނީ މަގާއި އެ މަގާއި ގުޅިފައިވާ ގޯޅިތަކުގައި އުޅެމުންދިޔަ 104 ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 9 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. އަދި މި މަހުގެ 9 ވަނަ ދުވަހު މާލޭގެ ޝާރިއުވަރުދީ މަގަށް އަމާޒުކޮށް ހިނގި އޮޕަރޭޝަންގައި 44 ބިދޭސީން ބަލައި ފާސްކޮށް، އޭގެ ތެރެއިން 6 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިއާއެކު މި މަހުގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ ޖުމްލަ 41 ބިދޭސީން މި ވަނީ އަތުލައިގެންފައެވެ.
ހައްލެއް ހޯދިފައި ނުވާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމުގެ އިތުރުން ބިދޭސީންގެ މައުލޫމާތު އެއްކޮށް އެ މީހުންގެ ބައޯމެޓްރިކްސް ނަގައި، މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ހުއްދަނެތް ވިޔަފާރިތައް ކުރުމާއި ގަވައިދާ ހިލާފަށް އުޅުމުގެ އިތުރުން ކުށުގެ މައްސަލަތަކުގައި ވޭތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި ވަނީ 7549 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައެވެ.
މީގެ އިތުރުން ބިދޭސީން ގެނެސް ބަލަހައްޓާ މީހުން ދައުލަތަށް ދައްކަންޖެހޭ ފީތައް ހޯދުމުގެ މަސައްކަތް ވެސް ފަށައި މި މައްސަލަ ހައްލުކުރުމަށް ވެސް ކުރިއެރުންތަކެއް ލިބިފައިވާ އިރު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ މިދިޔަ ދޮޅު އަހަރު ތެރޭ ވަނީ ހޯދާފައެވެ.