ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފު އިމާރާތްތަކެއް އަޅަން ނިންމަވާފައިވާކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަގުފު މަޝްރޫއުތައްް އިތުުރުކޮށް، އިސްލާމީ ފަންޑް ދިރުވުމުގެ މަސަައްކަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަމެވެ.
އެއާއެކު އިސްލާމިކް މިނިސްޓަރު، ޝަހީމް މިއަދު މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އިތުރުން ގއ. ވިލިނގިލީގައި ވަގުފު މަޝްރޫއުތަކެއް ފައްޓަވަން ރައީސް ނިންމަވާފައިވާ ކަަމަށެވެ.
އެގޮތުން އައްޑޫ ސިޓީގައި 23 މިލިއަން، ރުފިޔާ ފުވައްމުލައް ސިޓީގައި 15 މިލިއަން ރުފިޔާ، ކުޅުދުއްފުށި 10 މިލިއަން ރުފިޔާ، ތިނަދޫ 10 މިލިއަން ރުފިޔާ، ވިލިނގިލި 10 މިލިއަން ރުފިޔާ ވަގުފް އުފައްދަން އިންވެސްޓް ކުރެވިގެންދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި މި ޕްރޮޕަޓީތަކުން ލިބޭ ނަފާ ހަރަދު ކުރާނީ އެސިޓީތަކުގެ އިސްލާމީ ކަންކަމުގެ އިތުރުން މިސްކިތަކާއި ގުރުއާނުގެ އިލްމު ފެތުރުމަށް ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް މާލެ ސަރަހައްދުގައި 2 މަޝްރޫއެއް ކުރިއަށް ގެންދާނެ ކަން ފާހަގަ ކުރައްވާ ޝަހީމް އިތުރަށް ވިދާޅުވީ، އޭގެ ނަފާ މުޅި ރާއްޖެއަށް ބެހިގެންދާނެ ކަމަށެވެ. އަދި މި ހުރިހައި މަޝްރޫއެއްގެ އަމަލީ މަސައްކަތް ލަސްވެގެން ކުރިއަށް އޮތް ޖެނުއަރީ މަހު ފެށިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިސްކިތު ފަންޑު ދިރުވުމަށްޓަކައި އިތުރު ވަގުފު އިމާރާތެއް އެޅުމަށް ސަރުކާރުން ނިންމާފައިވާއިރު، އެ އިމާރާތުން ފައިދާ ވާން ފެށުމުން މިސްކިތްތަކަށް ދައުލަތުން ކުރަންޖެހޭ ހަރަދު އެތައް ގުނައަކުން ކުޑަ ވެގެންދާނެ އެވެ.