ގާޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލިކަމަށް އިޒުރޭލުން ބުނިތާ 10 ދުވަސް ވީ އިރު ގާޒާގެ 97 މީހަކު ޝަހީދު ކޮށްލައި 320 މީހަކު ޒަހަމް ކޮށްލައިފިއެވެ.
ބަހަނާއަކަށް ޔަހޫދީން ދައްކަނީ، ހަމާސްގެ އަތްދަށުވި ޔަހޫދީންގެ މަރުވެފައިވާ ހަށިގަނޑުތައް އިޒްރޭލާ ހަވާލު ނުކުރުމެވެ.
ހަމާސްގެ އޮފިޝަލުން ބުނާގޮތުގައި ހަމަލާތައް ހުއްޓާލަން އެއްބަސްވި ފަހުން މިވީ 10 ދުވަހުގެ ތެރޭގައި ޖުމްލަ 83 ފަހަރު އިޒްރޭލުން ވަނީ އެއްބަސްވުމާ ހިލާފުވެފައެވެ. އަދި އިޒްރޭލުން ބުނާ ހަށިގަނޑުތައް ހަވާލު ނުކުރެވެނީ، އިޒްރޭލުގެ ހަމަލާތަކުގައި އެމީހުން މަރުވެފައި ވުމާއި އެމީހުންގެ ހަށިގަނޑުތައް ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ވުމާއި އެ ހަށިގަނޑުތައް ނަގާނެ މެޝިނަރީ ހަމާސްގެ އަތުގައި ނެތުމުން ކަމަށެވެ.
އިޒްރޭލުން މި ހަމަލާތައް ދެމުން ގެންދާ އިރުވެސް ސުލްހައިގެ އެއްބަސްވުނެ ދެމިއެބަ އޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އެކަން ކަށަވަރު ކުރުމުގެ މަސައްކަތް އެމެރިކާއިން ކުރަމުން ދާ ކަމަށާއި ހާލަތު ވަރަށް އަމާންކޮށް އޮތްކަން ޔަގީން ކުރަމުން ދާކަމަށް ބުނެ ވަނީ ހަބަރުފަތުރާފައެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ގާޒާއިން ޖުމްލަ 68159 މީހަކު މަރުވެ 170023 މީހަކު ޒަހަމްވެފައި ވެއެވެ. ހަމަލާތައް ހުއްޓާލަން އެއްބަސްވު މުއްދަތުގެ ތެރޭގައި ގާޒާއަށް އެހީގެ ޓްރަކްތައް ވަންނަން ހުއްދަ ދިން ނަމަވެސް މިހާރު އިޒްރޭލުން ވަނީ ޓްރަކްތައް ހުއްޓުވައި މިސްރާއި ރަފާހް ގެ ދޮރާށި ވެސް ބަންދުކޮށްފައެވެ.
އިޒްރޭލުން އަހުދާ ހިލާފުވެ ހިންގާ ލާއިންސާނީ ޖަރީމާތައް ގާޒާގެ ބޭރުން ހުޅަނގު އައްސޭރިއަށް ވެސް ވަނީ ފުޅާކޮށްފައެވެ. އެގޮތުން ގާޒާއަށް ހަމަލާ ދެމުން ގެންދާ މިދަނޅިވަޅުގައި ހިފާފައިވާ ހުޅަނގު އައްސޭރީގެ އަވަށްތަކަށް އަރާ އެތައް ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ.
އެގޮތަށް ހިފައި ރަހީނުކޮށްގެން ގެންދާ މީހުން އިޒްރޭލުގެ ޖަލުތަކުގައި ބައިތިއްބާ ލާއިންސާނީ އަނިޔާދީ، ދަންޖައްސާ، ގުނަވަންތައް ބުރިކޮށް މަރާ ހަދަމުން ގެންދެއެވެ.
ރިޕޯޓުތައް ބުނާގޮތުން މިހާރުވެސް އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ 10،800 މީހަކު އެބަތިއްބެއެވެ. އޭގެ ތެރެއިން 450 އަކީ ކުޑަކުދިންނެވެ. 87 މީހުންނަކީ އަންހެނުންނެވެ. އެއްވެސް ދައުވާއެއް ނެތި 3629 މީހަކު އެބަތިއްބެއެވެ.
ހަމަލާތައް ހުއްޓާލަން އެއްބަސްވެ އިޒްރޭލުން ވަނީ ޖަލުތަކުގައި ތިބި މީހުންގެ ތެރެއިން 250 މީހަކު ދޫކުރަން އެއްބަސްވެ ބައެއް މީހުން ދޫކޮށްލާފައެވެ. އޭގެ ތެރޭގައި ލާއިންސާނީ އަނިޔާދީ މަރާލައިފައިވާ 45 މީހެއްގެ ހަށިގަނޑުވެސް ހިމެނެއެވެ. އެމީހުންގެ ހަށިގަނޑުތައް ފަލަސްތީނާ ހަވާލު ކުރި އިރު ބައެއް މީހުންގެ ކަރުގައި ދަންޖައްސަން ބޭނުންކުރި ވާގަނޑުވެސް އޮތެވެ. ބައެއް މީހުންގެ ގުނަވަންތައް ބުރިކޮށް ފަޅާ ހަދާފައި ވެއެވެ. އަދި މި މީހުންގެ ތެރެއިން ބައެއް މީހުންގެ ހަށިގަނޑު އާއިލާތަކާ ހަވާލު ކުރުމުގެ ބަދަލުގައި ދައްކާފައި ވާ ފޮޓޯތަކެވެ. އެއާއެކު އެއީ ކޮންބައެއްކަން ދެނެގަތުމަށް އާއިލާތަކަށް މަޖުބޫރު ކުރުވިއެވެ.
އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުން ވަނީ ގާޒާގެ ދެކުނަށް ހަމަލާތައް ދީ 24 މީހެއްގެ ފުރާނަ ދުއްވާލާފައެވެ. އަދި 74 މީހަކު ޒަހަމްކޮށްލާފައި ވެސް ވެއެވެ.