ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކޮށް ތަރައްގީ ކުރުމަށްޓަކައި މީހުން ބިނާ ކުރުމަށް ފެށި މަސައްކަތުގެ ނަތީޖާ ފެންނަމުންދާތީ މިއަދު އުފާކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އެމްބީބީއެސް ނިންމި ފުރަތަމަ ބެޗުގެ 20 ދަރިވަރުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އިންޓާންޝިޕް ފުރިހަމަކުރުމާ ގުޅިގެންނެވެ.
ޔާމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާ ކޮށް ތަރައްގީ ކުރުމަށްޓަކައި، މީހުން ބިނާކުރުމަށް ފެށި މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި އެކަމާ އެމަނިކުފާނު އުފާކުރައްވާ ކަމަށެވެ. ގައުމީ ހިދުމަތާ އަލަށް ގުޅުނު ދިވެހި ޑޮކްޓަރުންނަށް، ފަހުރުވެރިކަމާއެކު މަރުހަބާ އާއި ތަހުނިޔާ ދަންނަވާ ކަމަށް ޔާމީން ވިދާޅުވިއެެވެ.
އެމްއެންޔޫ އިން އެމްބީބީއެސް ނިންމި ފުރަތަމަ ބެޗްގެ 20 ދަރިވަރުން އައިޖީއެމްއެޗް އިން ފުރިހަމަ ކުރި އިންޓާންޝިޕްގެ މުއްދަތުގައި ބަލިމީހުންނަށް ފަރުވާ ދިނުމާއި، ކުއްލި ހާލަތްތަކުގައި އަވަސް ފިޔަވަޅު އެޅުމާއި، އަދި އަމަލީ ތަޖުރިބާ ވަނީ ހޯދާފައެވެ. އައިޖީއެމްއެޗް އިން ބުނީ އެ 20 ދަރިވަރުން މި ހާރު އެ ތިބީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި މަސައްކަތް ކުރުމަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. އަދި މިއީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، މިދަރިވަރުންގެ ފަރާތުން ރާއްޖޭގެ ސިއްހީ ހިދުމަތް އިތުރަށް ފުޅާވެ، ކުރިއަރައިގެން ދާނެ ކަމަށް ވެސް އައިޖީއެމްއެޗް އިން ބުނެއެެވެ.
މެޑިކަލް އިންޓާންޝިލް ޕްރޮގްރާމަކީ ޑޮކްޓަރުކަން ކިޔަވައިންގެ ރާއްޖެ އަންނަ ދަރިވަރުން އަދި ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވާ ކުދިން ކިޔަވާ ނިންމާ ދާއިމީ ހިދުމަތަށް ނިކުތުމުގެ ކުރިން، މަސައްކަތްކަތުގެ މާހައުލަށް އަހުލުވެރިވުމަށް ފުރިހަމަ ކުރާ 1 އަހަރުގެ އިންޓާންޝިޕް ޕްރޮގްރާމެކެވެ. މިއީ ޑޮކްޓަރުކަން ކުރުމުގެ ދާއިމީ ހުއްދަ ހޯދުމަށް ފުރިހަމަ ކުރަން ޖެހޭ މަރުހަލާއެކެވެ.