ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓް ހިދުމަތް ދިނުމަށް ގާއިމްކުރި މޯލްޑިވްސް އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތަކުން މިދިޔަ މަހު ޖުމްލަ 960 ޕާސްޕޯޓު ދޫކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުން ދައްކާގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހު ޖުމްލަ 3884 ޕާސްޕޯޓް ދޫކޮށްފައިވާ އިރު، އަތޮޅުތަކުގައި ގާއިމް ކުރި އިމިގްރޭޝަންގެ އޮފީސްތަކުން 960 ޕާސްޕޯޓެއް ދޫކޮށްފައިވެއެވެ. މިދިޔަ މަހު ޖުމްލަ 3884 ޕާސްޕޯޓް ދޫކޮށްފައިވާ އިރު 3897 އެޕްލިކޭޝަނެއް ވަނީ ޕްރޮސެސްކޮށްފައި ކަމަށް އިމިގްރޭޝަނުން ބުނެއެެވެ.

ދޫކުރި ޕާސްޕޯޓްތަކަށް ބަލާއިރު، މާލެ ސަރަހައްދުން ޖުމްލަ 2904 ޕާސްޕޯޓެއް ވަނީ ދޫކޮށްފައެވެ. އެއީ މާލެއިން 2115 ޕާސްޕޯޓް، ހުޅުމާލެ ފުރަތަމަ ފިޔަވަހިން 386، ހުޅުމާލެ ދެވަނަ ފިޔަވަހިން 367 ޕާސްޕޯޓް އަދި ވިލިމާލެއިން 36 ޕާސްޕޯޓް އެވެ.

މީގެއިތުރުން އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތަކުން 960 ޕާސްޕޯޓް ދޫކޮށްފައިވާ އިރު، އެންމެ ގިނައިން ޕާސްޕޯޓް ދޫކޮށްފައި ވަނީ ސ. މަރަދޫ އާއި، ހދ. ކުޅުދުއްފުއްޓާއި، ލ ފޮނަދޫއެެވެ. އެގޮތުން މަރަދޫން 146، ކުޅުދުއްފުށިން 144 އަދި ފޮނަދޫން 122 ޕާސްޕޯޓް ވަނީ ދޫކޮށްފައެެވެ.

ރީޖަނަލް އޮފީސްތަކުން ދޫކޮށްފަިއވާ ޕާސްޕޯޓްގެ ތަފްސީލް

  • ހއ. އިހަވަންދޫ 11 ޕާސްޕޯޓް
  • ހއ. ދިއްދޫ 70 ޕާސްޕޯޓް
  • ހދ. ކުޅުދުއްފުށި ސިޓީ 144 ޕާސްޕޯޓް
  • ށ. ފުނަދޫ 57 ޕާސްޕޯޓް
  • ނ. މަނަދޫ 34 ޕާސްޕޯޓް
  • ރ. އުނގޫފާރު 100 ޕާސްޕޯޓް
  • ބ. އޭދަފުށި 39 ޕާސްޕޯޓް
  • އއ. ރަސްދޫ 9 ޕާސްޕޯޓް
  • ވ. ފެލިދޫ 1 ޕާސްޕޯޓް
  • މ. މުލި 1 ޕާސްޕޯޓް
  • ފ. ނިލަންދޫ 1 ޕާސްޕޯޓް
  • ދ. ކުޑަހުވަދޫ 47 ޕާސްޕޯޓް
  • ތ. ވިލުފުށި 1 ޕާސްޕޯޓް
  • ތ. ވޭމަންޑޫ 1 ޕާސްޕޯޓް
  • ލ. ފޮނަދޫ 122 ޕާސްޕޯޓް
  • ގދ. ތިނަދޫ ސިޓީ 111 ޕާސްޕޯޓް
  • ޏ. ފުވައްމުލަކު ސިޓީ 65 ޕާސްޕޯޓް
  • ސ. މަރަދޫ 146 ޕާސްޕޯޓް

މީގެ އިތުރުން މެލޭޝިޔާގެ ކުއަލަލަންޕޫރުގައި ހުންނަ އިމިގްރޭޝަން އޮފީހުން 20 ޕާސްޕޯޓް ދޫކޮށްފައިވާ އިރު، މިދިޔަމަހު 25 ޕާސްޕޯޓެއް ގެއްލިގެން ރިޕޯޓްކުރި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް ފަށާފައިވަނީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އެގޮތުގެ މަތިން މާލޭގެ އިތުރުން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައި ވެސް ޕާސްޕޯޓްގެ ހިދުމަތް ވަނީ ހަމަ އެ އަހަރު ތެރޭ ތައާރަފް ކޮށްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އަމާޒު ހިފައިގެން ކުރިއަށްދިޔަ މި ހިދުމަތް އެންމެ ފަހުން ތައާރަފް ކޮށްފައި މިވަނީ އދ. އަތޮޅުގައެވެ.