ގަވާއިދާ ހިލާފަށް ހުޅުމާލޭގައި އުޅެމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް ވިޔަފާރިތައް ހިންގާ އަދި އެފަދަ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށްގެން، ހުޅުމާލެ ފޭސް 1 ގައި ޓާސްކްފޯސްއިން އިއްޔެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އެ އޮޕަރޭޝަންގެ ދަށުން ޖުމްލަ 12 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 5 މީހުން
  • ބިދޭސީން ރެކްރޫޓްކޮށް އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވަމުންދިއަ 3 މީހުން
  • ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރަމުންދިއަ 4 މީހުން

ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް އެކިކަންކޮޅުތަކުގައި އޮޕަރޭޝަނެއް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވައި، އެ ތަންތަން ބަންދު ކުރުމުގެ އިތުރުން އެފަދަ ބިދޭސީން ވަގުތުން ޑީޕޯޓޫ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ނަމަވެސް، އެކަމަށް ހައްލެއް ހޯދުމަށް މީގެ ކުރިން މާ ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ނުވާ ނަމަވެސް މި ސަރުކާރުން މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މައުލޫމާތު ހޯދައި، ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ދެނެގަނެ، އެފަދަ 8000 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްފައެވެ.