ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފަހައްޓާފައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސިނގިރެޓް އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގައި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގެ މުވައްޒަފެއްގެ ބައިވެރިވުން އޮތް ނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް އެ ސާވިސް އިން ބުނެފިއެވެ.
ފުލުހުން ރޭ ބުނީ އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ޕޯޓުގައި ބަހައްޓާފައި ހުއްޓާ ސިނގިރޭޓް ކޮންޓެއިނާތައް ނެގުމުގެ އޮޕަރޭޝަން ރޭވުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ އިސް މުވައްޒަފަކާއި އިތުރު އެހެން މީހެއްކަން ފުލުހުން ހާމަކޮށްފައެވެ.
މި މައްސަލައިގައި ކަސްޓަމްސްގެ އޮފިސަރެއްގެ ބައިވެރިވުން އޮތްކަމަށް ތުހުމަތުކޮށް ދެކެވެ ވާހަކަތަކާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައިގައި އެ ސާވިސްގެ އޮފިސަރެއްގެ ބައިވެރިވުން އޮތްކަން ތަހުގީގަށް ހާމަވެއްޖެ ނަމަ ގާނޫނާއި ގަވައިދުގެ ތެރެއިން އެ އޮފިސަރަކާއި މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށެވެ. އަދި ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އެ ސާވިސް ގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ކަސްޓަމުން ވަނީ ދީފައެވެ.
މީގެ އިތުރުން ކަސްޓަމްސް އިން ބުނީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކަމާއި ގުޅޭ މުވައްސަސާތަކާއި ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ.