މި ހަފުތާއަކީ ރާއްޖެއަށް ވަރަށް ވިއްސާރަ ހަފްތާއެއް ކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.

މި ހިނގާ ހަފްތާ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވަނީ އިއްޔެއެވެ. ހުޅަނގު މޫސުމުގެ ބާރުގަދަވެ، މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ދަނީ ވިއްސާރަކުރަމުންނެވެ. ނަމަވެސް މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާ ކޮށްފައެވެ.

އެއާއެކު އެމްއެންޑީއެފް އިން މިއަދު ވަނީ، މުޅި ރާއްޖެއަށް ކުރިއަށް އޮތް ފަސް ދުވަހަށް މޫސުން ގޯސްވާނެކަމާއި، އަދި ހާއްސަކޮށް މުޅިރާއްޖެއަށް އާންމުގޮތެއްގައި ވައިބާރުވެ، ވިއްސާރަވެ، ކަނޑުތައް ގަދަވާނެކަމަށް، މެޓް އޮފީހުން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އިލްތިމާސްކޮށްފައެވެ.

އަދި ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އިލްތިމާސްކޮށްފައި ވެއެވެ.

މީގެ އިތުރުން ވެސް ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކުރުމުގެ އިތުރުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.