ށ. ނޫމަރާގައި މިހާރު ފަށާފައިވާ މަސައްކަތްތަކަކީ ރަށުގެ ތަރައްގީއަށް މުހިންމު މަސައްކަތްތަކެއް ކަމަށާއި އެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިލަދުންމަޑުލު އުތުރުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި ނޫމަރާ އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ނޫމަރާއަށް ވައުދުވިކަންކަމާއި ރަށުގެ ތަރައްގީއަށް ބޭނުންވާ އިތުރު ކަންކަމުގައިވެސް ހަގީގީ ކުލަ ޖައްސަވައިދޭނެކަމަށެވެ. އަދި މިހާރު ހުއްޓިފައި ހުރި މަސައްކަތްތައްވެސް ކުރިއަށްގެންދަވާނެކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ އެ ރަށު ބަނދަރު ހެދުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ދޯނި އެހެލާނެ ސަރަޙައްދަކާއި މޫދައް އެރޭނެ ސަރަހައްދަކާ އެކު ކަމަށެވެ.
މީގެ އިތުރުން ނޫމަރާގައި ހުއްޓިފައިވާ ފެނާ ނަރުދަމާގެ މަސައްކަތްވެސް އެމްޑަބްލިއުއެސްސީއަށް ހަވާލުކޮށްފައިވާކަމަށާއި ހާއްސަ އިސްކަމެއް ދެއްވައިގެން އެ މަސައްކަތްވެސް ކުރިއަށް ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ. ނޫމަރާގެ މަގު ހެދުމުގެ މަޝްރޫއާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ އެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނެކަމަށާއި އޭގެ ތެރެއިން ފުރަތަމަ އިސްކަންދެއްވާނީ މައި މަގުތައް ތަރައްގީ ކުރުމަށް ކަމަށެވެ. އަދި އެ ރަށުގެ ސިއްހީ ހާލަުތު ރަނގަޅު ކުރުމަށް ރާވާފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ ރަށުގައި ތިބެގެން އާންމުކޮށް ހެދޭ ޓެސްޓްތައް ހެދުމަށް ލެބޯޓަރީތައް ތަރައްގީކުރާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވަނީ ސިއްހަތާ ބެހޭ ވުޒާރާއިން ކަނޑައަޅުއްވާފައިވާ މިންގަނޑުތަކާ އެއްގޮތަށް، އެރަށެއްގެ ނިސްބަތުން، އެރަށެއްގައި ހަދަންޖެހޭ ޓެސްޓުތައް ނުހެދޭނެ އެއްވެސް ރަށެއް، 2026 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގެ އެއްވެސް ހިސާބެއްގައި ނޯންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
އިތުރަށް ރައީސް ވިދާޅުވީ ކުޅިވަރުގެ ދާއިރާއާއި ތައުލީމީ ދާއިރާއިންވެސް މުހިއްމު މަސައްކަތްތަކެއް ކުރިއަށް ގެންދިޔުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމާނާނެ ކަމަށެވެ.