ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން މެލޭޝިއާ އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން މެލޭޝިއާ އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ.
އެ ރަސްމިއްޔާތުގައި މެލޭޝިއާ އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައިފައިވެއެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި މެލޭޝިއާ އެއާލައިންސްގެ ފުރަތަމަ މަތިންދާބޯޓު، MH485 އަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި, އެ ފްލައިޓުން ރާއްޖެ އައި 172 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
އެމްއޭސީއެލްއިން ބުނީ މެލޭޝިއާ އެއާލައިންސްއަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 10 ވަނަ އެއާލައިން ކަމަށެވެ. ޓާމިނަލް 1 އިން މިހާރު ހިދުމަތް ދޭ އެއާލައިންތަކަކީ މޯލްޑިވިއަން, އެއާ އަރަބިއާ, ބިއޯންޑް, ފިޓްސް އެއާ, ބެއިޖިންގް ކެޕިޓަލް އެއާލައިންސް, ބަޓިކް އެއާ, ބެންކޮކް އެއާވޭސް, އިންޑިގޯ, ގަލްފް އެއާ އަދި މެލޭޝިއާ އެއާލައިންސްއެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.