ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ސްކޫލް ދަރިވަރުން ކޭމްޕް ކުރާ ސަރަހައްދު ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ތަރައްގީކުރި މި ސަރަޙައްދަކީ، ގްރޭޓާ މާލެ ސަރަހައްދުގައި ކެޑޭޓާއި ގައިޑް އަދި ސްކައުޓް ދަރިވަރުން ކޭމްޕް ދާނެ ތަނެއް ނެތި ގިނަ އަހަރުތަކެއް ވެފައިވާތީ، އެ ދަރިވަރުން ކޭމްޕްކޮށް އެކި ހަރަކާތްތައް ހިންގަން ބޭނުންކުރުމަށް ތައްޔާރުކުރި ސަރަހައްދެކެވެ. މި ކޭމްޕް ސަރަހައްދަކީ ކޭމްޕް ކުރުމުގެ އިތުރުން ދަރިވަރުން ކިޔަވާ އެކި މާއްދާތަކާއި ގުޅޭގޮތުން ދިރާސާތައް ކުރުމަށްވެސް ބޭނުންކުރެވޭ ގޮތަށް ތަރައްގީކޮށްފައިވާ ސަރަހައްދެކެވެ.

މިތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ ދަރިވަރުންނަށް ކިޔެވުމުގެ އެކި ހަރަކާތްތަކުގައި މިތަން ބޭނުންކުރެވޭނެކަމަށެވެ. އަދި ކުދިންގެ ހުނަރުތައް ތަރައްގީކުރުމަށް މިތަނުގެ ބޭނުން ފުރިހަމައަށް ހިފުމަށް މަސައްކަތްކުރައްވާނެ ކަމުގައި މިނިސްޓްރު ވިދާޅުވިއެވެ.

ސްކޫލް ދަރިވަރުން ކޭމްޕް ކުރުމަށް ތަރައްގީކޮށްފައިވަނީ 3 ހެކްޓަރުގެ ސަރަހައްދެއްގައެވެ. އެތަނުގައި އެޑްމިން އޮފީހަކާއި، ފަސްޓް އެއިޑް ރޫމަކާއި ދުވަހު ކޮޓަރިއާއި މިސްކިތެއް ހުރެއެވެ.