ދިވެހި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ބޭނުން ކުރަމުންދާ ރަސްމީ ޖާޒީ، ފީފާގެ ދާރުލްއާސާރަށް ލައިފި އެވެ.
އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، ދިވެހި ކުންފުންޏެއް ކަމަށްވާ ޖާޒިއާއިން ރާއްޖޭގައި ތައްޔާރުކުރި ގައުމީ ޓީމުގެ ޖާޒީއެއް ފީފާގެ ދާރުލްއާސާރަށް ލާން ހަވާލުކޮށްފައިވާ ކަަމަށެވެ.
ފީފާގެ ދާރުލް އާސާރާއި ޓޮމް ޖާޒީ ހަވާލުކޮށްފައި ވަނީ ދާދި ފަހުން ސްވިޓްޒަލެންޑްގެ ޒިޔުރިކަށް ކުރެއްވި ދަތުރުގައި ފީފާގެ މައި އިދާރާއަށް ވަޑައިގެންނެވެ. ފީފާގެ ދާރުލްއާސާރުގައި ދުނިޔޭގެ 211 ގައުމެއްގެ ރަސްމީ ޖާޒީ ހިމެނޭއިރު ޖާޒީތައް ތަރުތީބުކޮށްފައި ވަނީ އަލްފެބެޓިކް ތަރުތީބުންނެވެ. ފީފާގެ ދާރުލް އާސަރާއަކީ ތިން ފަންގިފިލާއަށް ބިނާކޮށްފައި ހުންނަ ޖުމްލަ 3000 ސްކެއާ މީޓަރުގެ ބޮޑު ދާރުލް އާސާރާކެވެ.
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީ އަށް ވެސް ހޮވިވަޑައިގެންނެވި ޓޮމްއަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ފޯވާޑެވެ. އދ. މަހިބަދޫ އަށް އުފަން ޓޮމް އަކީ 2003 އިން ފެށިގެން ރިޓަޔާކުރުމާ ހަމަޔަށް ގައުމީ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ.
އެގޮތުން ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ފުރަތަމަ އެގާރައިގައި ކުޅުނެވެ. އަދި ގައުމީ ޓީމަށް ކުޅުނު 38 މެޗުގައި ޓޮމް ވަނީ 16 ގޯލު ކާމިޔާބުކޮށްދީފައެވެ.
މީގެ އިތުރުން ވެސް ޓޮމް ދަނީ ރައްޔިތުންގެ މަޖިލީހުގެ އދ. މަހިބަދޫ ދާއިރާގެ މެންބަރުގެ މަގާމުވެސް ފުރުއްވަމުންނެވެ.