މާލޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ބަލާ ފާސްކުރުމުގެ ތެރޭގައި ނުގަވާއިދުން އުޅުނު ބިދޭސީންތަކެއް އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް ވިޔަފާރިތައް ހިންގާކަމަށް ފާހަގަކުރެވިފައިވާ މާލޭގެ ޝާރިއުވަރުދީ މަގަށް އަމާޒުކޮށް އިއްޔެ ޓާސްކްފޯސްއިން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި މި އޮޕަރޭޝަނުގައި 44 ބިދޭސީން ބަލައި ފާސްކޮށް، އޭގެ ތެރެއިން 06 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް އެކި ކަންކޮޅުތަކުގައި އޮޕަރޭޝަނެއް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވައި، އެ ތަންތަން ބަންދު ކުރުމުގެ އިތުރުން އެފަދަ ބިދޭސީން ވަގުތުން ޑީޕޯޓު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ނަމަވެސް، އެކަމަށް ހައްލެއް ހޯދުމަށް މީގެ ކުރިން މާ ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ނުވާ ނަމަވެސް މި ސަރުކާރުން މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މައުލޫމާތު ހޯދައި، ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ދެނެގަނެ، އެފަދަ 8000 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްފައެވެ.