އައްޑޫގެ 3 ރަށެއްގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ހިޔާލު ހޯދަން އެ ރަށްރަށުގެ ރައްޔިތުންގެ މެދުގައި ނަގާ ވޯޓަށް މާލޭގައި 7 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޒާހިދު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމަށް ނަގާ ވޯޓުގައި ބައިވެރިވެވޭނީ ހުޅުދޫ އާއި މީދޫ އާއި ފޭދޫގެ ރައްޔިތުންނަށް އެކަނި ކަމަަށެވެ. އެ ވޯޓުގައި ހުޅުދު އާއި މީދޫގެ ރައްޔިތުންނާ ދެ ސުވާލެއް ކުރަން ހަމަޖެހިފައިވާ އިރު އެއީ އައްޑު އަތޮޅު ހުޅުދުއަށް ހާއްސަކުރެވިގެން ހުޅުދޫ ކައުންސިލް އުފައްދަން ފެނޭ ތޯ އާއި އައްޑު އަތޮޅު ހުޅުދު އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށް ދެ ރަށުގައި އެއް ކައުންސިލެއް ހިންގަން ފެނޭ ތޯ އެހުމަށް ކަމަށް ޒާހިދު ވިދާޅުވިއެވެ.
މީގެއިތުރުން ޒާހިދު ވިދާޅުވީ، މީދޫ ރައްޔިތުންނަށް ވެސް ސުވާލު ކުރާނީ މީދޫ ވަކި ކައުންސިލެއްގެ ގޮތުގައި ހިންގަން ފެނޭތޯ އަދި ހުޅުދު އާއި މީދޫ ކައުންސިލް، އެއް ކައުންސިލެއްގެ ގޮތަށް ހިންގަން ފެނޭތޯ ކަމަށެވެ. އަދި ފޭދުއަށް ކުރާނީ އެންމެ ސުވާލެއް ކަމަށާއި އެއީ އެ ރަށަށް ހާއްސަ ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ކަމަށެވެ.
އެހެން އިންތިހާބުތަކުގައި އެ މީހަކު ރަށްވެހިވެގެން އުޅޭ ތަނެއްގައި ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސައި ދިނަސް މި އިންތިހާބުގައި އެ އިންތިޒާމު ހަމަޖައްސައި ދެވެން ނެތް ކަމަށް ޒާހިދު ވިވިދާޅުވިއެވެ. ރީރަޖިސްޓްރީކުރަން ފުރުސަތު ދިނަސް އެ ފުރުސަތު އޮންނާނީ ހަމައެކަނި ވޯޓު ފޮށި ބަހައްޓާ ރަށްތަކުގެ ތެެރެއިން ރަށެއްގައި ރަޖިސްޓްރީވުމަށް ކަމަށް ޒާހިދު ވިދާޅުވިއެވެ.
އެގޮތުން ވޯޓު ފޮށީ ބަހައްތަނީ އެ ތިން ރަށުގެ އިތުރުން މާލޭގައި ކަމަށް ޒާހިދު ވިދާޅުވިއެވެ. ހުޅުދޫގައި 3 ފޮށި، މީދޫގައި 3 ފޮށި، ފޭދޫގައި 5 ފޮށި ބަހައްތަން ވަނީ ހަމަޖެހިފައެވެ. މާލޭގައި ހުޅުދޫ ރައްޔިތުންނަށް 3 ފޮށި، މާލޭގައި މީދޫއަށް ހާއްސަ 1 ފޮށި އަދި މާލޭގައި ފޭދޫ މީހުންނަށް 3 ފޮށި ބަހައްޓަން ވަނީ ހަމަޖެހިފައެވެ.
ޒާހިދު ވިދާޅުވީ މާލޭގައި ތިން ރަށުގެ މީހުން ވޯޓުލުމަށް ބަހައްޓާ ފޮށި ވެސް ހުންނާނީ އެއް މަރުކަޒެއްގައި ކަމަށެވެ. މިހާތަނަށް ރަޖިސްޓްރީވެފައިވާ މީހުންނަށް ބަލާއިރު 9،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އިންތިހާބު އޮންނާނީ މިމަހުގެ 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 11 އިން 12 ގެ ނިޔަލަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.