ދިވެހީންނަކީ ލޯތްބާއި ކުލުނާއި، ހިނިތުންވުމާއެކު އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރި ބައެއް ކަމަށާ، ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކުއަނެކަކަށް އިހްރާމްކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފައްޓަވަން ގަސްތުކުރައްވާކަމަށާ، މިކަމުގައި ހުރިހާ ފަރާތްތަކުންވެސް ޝާމިލުވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ގޮވާލައްވާފައި މި ވަނީ، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މަހިބަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
ތަރައްގީގެ ކަންކަން ކުރިއަށްދާއިރު މީހުންގެ ވިސްނުމާއި، އުޅުމާއި ގުޅުންތައްވެސް ތަރައްގީވާންޖެހޭކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އަހަރުތަކެއް ކުރިން، ސިޔާސީ އޮއިވަރެއްގެ ތެރެއަށް ވަދެގެންދާން ފެށުމާއެކު، އެކަކު އަނެކަކަށް އިހްތިރާމް އަދާކުރުމުގެ އާދަކާދަ މިހާރު ވަރަށް ބޮޑަށް ނެތި ގޮސްފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ބޭނުންފުޅުވަނީ މިކަން ބަދަލުކުރައްވައި، އިހު އޮތް ގޮތަށް އަނބުރާ ވަޑައިގަތުމަށްކަމުގައި ވިދާޅުވެ، ރައީސްވަނީ ބިޔަ މަޝްރޫއެއްގެ ގޮތުގައި، 2026 ވަނަ އަހަރުގެ ތެރޭގައި އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފައްޓަވަން އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ. ކަމާބެހޭ ހުރިހާ ފަރާތްތަކާއި، ހުރިހާ ރައްޔިތުން އަދި ސިޔާސީ ޕާޓީތަކުންވެސް މިކަމުގައި ބައިވެރިވެވަޑައިގެން، އިހު އޮތް އިހްތިރާމް އަދާކުރުމުގެ އާދަ އަށަގެންނެވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
މިކަމުގެ ހަގީގީ ނަތީޖާ ފެންނާނީ، އެންމެންގެ ބައިވެރިވުން ލިބިގެންކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ހަގީގީ މާނާގައި ދިވެހިރާއްޖެ ތަރައްގީވެގެންދާނީ، މިފަދަ، ވަށާޖެހޭ ގޮތެއްގައި ތަރައްގީ ހާސިލުކުރެވިގެންކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި ދިވެހި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބި، ކާމިޔާބު ހޯއްދެވޭނެކަމުގެ ޔަގީންކަން އެމަނިކުފާނަށް އޮތްކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.