އަރިއަތޮޅު ދެކުނުބުރީގައި އޮންނަ "އުތުރު އަތަފަރު"ކީ އެ އަަތޮޅުގެ ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
"އުތުރު އަތަފަރު" ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވަނީ އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ފަތުރުވެރިކަން ހިމެނޭގޮތުން އިގްތިސާދީ ގޮތުން ރައްޔިތުންނަށް މަންފާވާނެ ފަދަ ތަރައްގީގެ މަސައްކަތްތައް ހިންގުމަށްޓަކައެވެ.
މީގެ އިތުރުން ރައީސްވަނީ އދ. އަލިކޮއެ ރަށް، ޓޫރިސްޓުން ގޮވައިގެން ގޮސް، ބޭނުންކުރުމަށް ހާއްސަ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވަން ނިންމާފައިވާ ކަންވެސް ހާމަކުރައްވާފައެވެ. ހަންޏާމީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ހަންޏާމީދޫއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއެރުން ހޯދަމުންދާ، އަދި ގެސްޓްހައުސް ވިޔަފާރީގައި ރަށުގެ ގިނަ ރައްޔިތުން ބައިވެރިވެ، އާމްދަނީ ހޯދަމުން އަންނަ، ރަށެއްކަން ފާހަގަކުރައްވާފައެވެ.
މި ކަންކަމަށް ރިއާޔަތްކުރައްވައި، ރައްޔިތުންނަށް އިތުރު ފުރުސަތުތައް ހޯދައިދީ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި، ހަންޏާމީދޫ ކައިރީގައި އޮންނަ އުތުރު އަތަފަރު، ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ރަށް ތަރައްގީކުރުމުގެ މަސައްކަތުގައި ވެސް ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މީގެ އިތުރުން، ރަށާ ކައިރި އަދި އެ ސަރަޙައްދުގެ އެހެނިހެން ރަށްރަށުން ވެސް ގެސްޓުން ގޮވައިގެން ދެވޭނެ ހުސް ރަށްތަކެއް ނެތްކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވަނީ އެ ރަށާ މާ ދުރުނޫން ހިސާބެއްގައި އޮންނަ އަލިކޮއެ ރަށް، ގެސްޓުން ގޮވައިގެން ގޮސް ބޭނުންކުރެވޭނެ ހާއްސަ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ނިންމަވާފައިވާކަން އިއުލާންކުރައްވާފައެވެ. އަދި އެ ރަށް ދެން އެއްވެސް ފަރާތަކަށް ދޫނުކުރައްވާނެ ކަމަށާއި، ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުން އެކުލަވާލެވޭ އުސޫލެއްގެ ދަށުން ހަންޏާމީދޫއާއި އަދި އެ ސަރަޙައްދުގެ އެހެނިހެން ރަށްރަށުގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރާ ފަރާތްތަކަށް އެރަށް ބޭނުންކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އުތުރު އަތަފަރު"ކީ ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމާއެކު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅިފައިވާ ގޮތަށް އިސްލާހު ގެނެސް، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ލިސްޓު، މިހާރު ވަނީ އަދާ ހަމަކޮށްފައެވެ.