ރާއްޖޭގެ އެކި ރަށްރަށުގައި ސަރުކާރުން ޕަބްލިކް ވާކްސް ޔުނިޓުތައް ގާއިމުކުރުމުން، އެކި މަޝްރޫއުތަކުގެ މެއިންޓަނަންސަށް ދާ ހަރަދު ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާމިގިލީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅިވީ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުގައި ޕަބްލިކް ވާކްސް ޔުނިޓް ގާއިމުކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން، އދ. މަހިބަދޫގައި އެ ޔުނިޓު ގާއިމުކުރަން ކަނޑައަޅާފައި އޮތް ނަމަވެސް އެ އަތޮޅުގެ މާމިގިލީގައިވެސް އެ ހިދުމަތް ގާއިމުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާމިގިއްޔާއި މަހިބަދޫގައި ޕަބްލިކް ވާކްސް ޔުނިޓުތައް ގާއިމުކުރެވުނު ނަމަވެސް އެއީ މުޅި އަތޮޅުގެ ހުރިހާ ރަށެއްގައި ހިދުމަތް ފޯރުކޮށްދޭނެ ޔުނިޓުތަކެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ޔުނިޓުތަކާއެކު މިހާރު ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މެއިންޓަނަންސް މަސައްކަތްތަކަށް ދާ ހަރަދު އެތައް ގުނައެއް ކުޑަވެގެންދާނެ ކަމަށެވެ.

މި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން، މާމިގިލީގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމާއި، ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ރަށުގައި ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވައި، މި މަޝްރޫއުތަކަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރިއަށްގެންދަވާނެ މަޝްރޫޢުތަކެއްކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކުރުމުގެ މަސައްކަތްތައްވެސް ދާދި އަވަހަށް ފަށައި، ނިންމާލެވޭނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ރަށުގެ ތަރައްގީއަށްޓަކައި ކުރިއަށް އޮތްތަނުގައިވެސް ގިނަ މަސައްކަތްތަކެއްކޮށްދެއްވާނެކަމުގެ ޔަގީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވަމުންނެވެ.