އިދިކޮޅު ފަރާތްތަކުން ސިޔާސީ ބޭނުމުގައި ފަތުރާ ދޮގު ވާހަކަތައް ގަބޫލުނުކޮށް، ސަރުކާރާއެކު ރައްޔިތުން ތިބެންޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާމިގިލީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން، ނިމިދިޔަ ސަރުކާރުތަކުން އެކި ނަންނަމުގައި ނަގާފައިވާ ދަރަނިތަކުގެ ސަބަބުން ގައުމު އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފައިކަމަށެވެ.
މުއިއްޒު ވެރިކަމަށް ވަޑަިއގެންނެވިއިރު 132 ބިލިޔަން ރުފިޔާއަށް ދައުލަތުގެ ދަރަނި އަރާފައިވާކަން ފާހަގަކުރައްވަމުން ގާސިމް ވަނީ އެ ދަރަނިތައް ދައްކަމުން، ގައުމު ބަނގުރޫޓު ވިޔަނުދިނުމަށް ރައީސް މުއިއްޒު ކުރެއްވި މަސައްކަތްތަކަކީ ތައުރީފް ހައްގު މަސައްކަތެއްކަމަށް ވިދާޅުވިއެވެ. ރައީސް މުއިއްޒު އަށް ވަރަށް ބޮޑަށް ތައުރީފުކުރައްވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނު ވޯޓު ހޯދުމުގެ ނިޔަތުގައި އިތުރުފުޅު ނުހައްދަވާނެކަމަށެވެ. އަދި އެމަނިކުފާނު އޮތީ ކަންކަން ކޮށްދިނުމުގެ އިހުލާސްތެރި ނިޔަތެއް ކަމަށެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ މީގެކުރިން ވެރިކަން ކުރެއްވި ބޭފުޅުންގެ ފަރާތުން ފެނުނު ސިޔާސީގޮތުން ބަދަލު ހިފުމުގެ ރޫހު ރައީސް މުއިއްޒުގެ ސަރުކާރުގައި ފެނިވަޑައިނުގަންނަވާ ކަމަށެވެ.