އދ. ދިގުރަށު ރައްޔިތުންނަށް ގޯތި ދިނުމުގެ މައްސަލަ ހައްލުކުރުމަށް، ރައްޔިތުން އެދޭގޮތަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އދ. ދިގުރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހާކަފުޅުދައްކަވަމުން ރައީސްވަނީ ދިގުރަށު ރައްޔިތުންގެ ގޯތި ގެދޮރުގެ މައްސަލަ ހައްލުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ އެ ރަށުގެ ލޭންޑް ޔޫޒް ޕްލޭނާއި އެކަމަށް ހެދިފައިވާ އުސޫލަކީ، އެންމެ ފުރިހަމައަށް ހެދިފައިވާ އެއްޗެއްނޫން ކަމަށެވެ.
މިހާރު ފާސްކުރެވިފައިވާ ލޭންޑް ޔޫޒް ޕްލޭނަށް ގޯތި އިތުރުކުރަން ރައްޔިތުން ބޭނުންވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އިތުރު 50 ގޯތި ދެވޭވަރަށް، ލޭންޑް ޔޫޒް ޕްލޭނާއި އެކަމާގުޅޭ އުސޫލު ހެދުމުގައި ސަރުކާރުން އެހީތެރިކަން ދިނުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ އިންސާފުވެރިކޮށް ގޯތި ދިނުމުގެ ކަންކަން އިއުލާން ކުރެވިގެންދާ ގޮތަށް އުސޫލް ބައްޓަންކޮށް، ހައުސިން މިނިސްޓްރީން ކައުންސިލަށް އުސޫލު ފޮނުއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެ އުސޫލު ރައްޔިތުންނަށް ހާމަކޮށް، ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއި އެކު ފައިނަލް ކޮށްދެއްވުމަށް ރައީސް ވަނީ ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފައެވެ.
ދިގުރަށުގެ ތަރައްގީއަށް ހިންގަވަން ނިންމަވާފައިވާ މުހިންމު މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން، ރަށުގައި މަސައްކަތްކުރާ ބޭރު މުވައްޒަފުން ތިބޭނެ އެކޮމޮޑޭޝަން އިމާރާތެއް އަޅުއްވާނެކަމަށެވެ. މީގެ އިތުރުން އެންމެ ފުރިހަމަ ފުޓުބޯޅަ ދަނޑެއްވެސް އަޅައިދިނުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި، ދިގުރަށު މަގުހެދުމުގެ މަޝްރޫއާއި ސްކޫލްގެ އައު އިމަރާތް ބިނާކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ވަނީ ހަވާލުކުރައްވާފައެވެ. ރައީސްގެ މި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން އދ. ދިގުރަށު ޕޮލިސް ޕޯސްޓްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެއްޓެވުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެއްޓެވުމުގެ އިތުރުން، އދ. ދަނގެތީ ސިއްހީ މަރުކަޒުގެ އޮފީސް އިމަރާތް ވަނީ ހުޅުވާފައެވެ.