މާލެ ސިޓީގެ ކުރީގެ މޭޔަރު މައިޒާން އަލިމަނިކުގެ އަނބިކަނބަލުން އާއިޝަތު ޒަމީލް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ދަންނަވައިފިއެވެ.
ރައީސްގެ ރަސްމީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ މައިޒާން އަލިބެގެ އަނބިކަނބަލުން ނިޔާވުމުގެ ހިތާމައިގާ އެ އާއިލާއަށް ތައުޒިޔާ ދަންނަވައި މަރްހޫމާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާކުރައްވާފައެވެ.
މައިޒާން އަލިބެއަކީ ދިވެހިރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާ، ޝަރަފްވެރިކަމުގެ ގައުމީ އިނާމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މާލޭގެ މޭޔަރުކަން ވެސް ކުރެއްވި އަލިބެ އަކީ ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަން އުފެއްދުމަށް 1983 ގައި އިސްނެންގެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.