ކޮންމެ ބްރޯޑްކާސްޓަރެއްގެ ވެސް އަޒުމަކީ އިސްލާމީ އޮނިގަނޑަށް ފެތޭ، ދިވެހިވަންތަ، މަންފާ ހުރި މައުލޫމާތާއި ޕްރޮގްރާމްތައް އުފައްދައި ގެނެސްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފަހަގަކުރާ ރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ހަބަރާއި މައުލޫމާތާއި މުނިފޫހިފިލުވުން ހިމެނިގެން، ބްރޯޑްކާސްޓް ކުރުމުގައި ކުރެވޭ ހުރިހާ ކަން ކަމަކީ ވެސް ވަރަށް ހީވާގި ކަމާއި ޒިންމާދާރު ކަމާއެކު ދޭން ޖެހޭ ހިދުމަތެއް ކަމަށެވެ.
ކޮންމެ ބްރޯޑްކާސްޓަރެއްގެ ވެސް އަޒުމަކަށް ވާން ވާނީ އިސްލާމީ އޮނިގަނޑަށް ފެތޭ، ދިވެހިވަންތަ މަންފާހުރި މައުލޫމާތާއި ޕްރޮގްރާމްތައް އުފައްދައި ގެނެސްދިނުން ކަމަށެވެ. އަދި ގައުމަށް ރީތި ނަން ހޯދައި ދިނުމުގެ މުހިއްމު ބައިވެރިޔަކަށް ވުން ކަމަށް ރައީސް ވިދާޅުވިއެވެ.
ގައުމީ ބްރޯޑްކާސްޓިން ދުވަހުގެ ތަހުނިޔާ އަރިސްކުރަމުން މި ދާއިރާގެ ހުރިހާ ހިދުމަތްތެރީންނަށް ރައީސް ވަނީ މަރުހަބާ ކިޔުއްވާފައެވެ.
ރާއްޖޭގައި ރަސްމީ ސިފައެއްގައި ބްރޯޑްކާސްޓިން ހިދުމަތް ފެށިގެން އައީ ރޭޑިއޯގެ ހިދުމަތާ އެކުގައި ޑިސެމްބަރު 29، 1962 ގައެވެ. ބްރޯޑްކާސްޓިންގެ ތެރެއިން ޓީވީގެ ހިދުމަތް ރާއްޖޭގައި ފަށާފައި ވަނީ މާޗް 29، 1978 ގައެވެ. މި ދެ ހިދުމަތަކީ ވެސް ސަރުކާރުން ފޯރުކޮށްދެމުން ދިޔަ ހިދުމަތެއްގެ ގޮތުގައި ޒަމާންތަކެއް ވަންދެން އޮތްއޮތުން ނިމުމަކަށް ގެނެސް މި ސިނާއަތުގައި ހަރަކާތްތެރިވުމަށް އަމިއްލަ ފަރާތްތަކަށް ރާއްޖޭގައި ހުޅުވާލީ 2006 ވަނަ އަހަރުގެ ތެރޭގައެވެ.