ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ދަތުރުކުރަމުންދާ ސުމޫދު ފްލޮޓިއްލާގެ ބޯޓުތައް އިޒްރޭލުން ހިސޯރުކުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފިއެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އިޒްރޭލުގެ އަމަލުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.

ގްލޯބަލް ސުމޫޑް ފްލޮޓިއްލާގެ ބޯޓުތަކަކީ އިންސާނީ އެހީ ހިފައިގެން ގާޒާއަށް ދަތުރުކުރަމުންދިޔަ ބޯޓުތަކެއް ކަމާއި ބޯޓުތަކުގައި ތިބީ ހަތިޔާރު ނެތް އާންމުންކަން ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ. ރައީސް ވިދާޅުވީ އެ ބޯޓުތަކަށް ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ހުރަސްއަޅައި، ބޯޓުތައް ހުއްޓުވުމަކީ އެއްގޮތަކަށް ވެސް ބަލައިގަނަވޭނެ ކަމެއް ނޫން ކަމަށެވެ.

އިންސާނީ އެހީ ހިފައިގެންދާ ބަޔަކަށް ހުރަސްއަޅައި، ހުއްޓުވުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފުކަމެއްކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އިޒްރޭލުން ތަކުރާރުކޮށް އެފަދަ ލާއިންސާނީ އަމަލުތައް ހިންގަމުންދާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އިޒްރޭލުން ތަކުރާރުކުރުކޮށް ހިންގަމުންދާ އިންސާނީ ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި އިޒްރޭލާމެދު ފިޔަވަޅު އެޅުމަށް ރައީސް ވަނީ ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލައްވާފައެވެ. ރައީސް ވިދާޅުވީ އިންސާނީ ހައްގުތައް ކަށަވަރުކޮށް، އިންސާފު ހޯދުމަށާއި ސުލްހައާއި ސަލާމަތްތެރިކަމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރަމުންދާ މަސައްކަތުގައި ދިވެހި ރާއްޖެއިން އަބަދުވެސް ދެމިތިބޭނެ ކަމަށެވެ.

ގްލޯބަލް ސުމޫދު ފްލޮޓިއްލާއަކީ ހާލުގައި ޖެހިފައިވާ ގާޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 500 މީހުން ކަނޑުގެމަގުން ދަތުރުކުރަމުންދާ 40 އަށްވުރެ ގިނަ ބޯޓުގެ މައްޗަށް އެކުލެވޭ ފްލީޓެކެވެ. ދިވެހިރާއްޖެ ހިމެނޭހެން ޖުމްލަ 44 ގައުމެއްގެ މީހުން މި ފްލީޓްގައި ހިމެނެއެވެ.

އިޒްރޭލުން ގްލޯބަލް ސުމޫދު ފްލޮޓިއްލާގެ ބޯޓުތަކަށް ހުރަސްއަޅަމުންދާއިރު މިހާތަނަށް 13 ބޯޓެއް ހިސޯރުކޮށްފައިވެއެވެ. އެހެންނަމަވެސް ބާކީ އޮތް އުޅަނދުތައް ދަނީ ގާޒާއަށް ދަތުރުކުރަމުންނެވެ.