މައިބަދައަށް ކެމެރާ ލައްވައިގެން ކުރާ އޮޕަރޭޝަން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮށްފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ މި އޮޕަރޭޝަން ކޮށްފައި ވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް, އައިޖީއެމްއެޗްގެ ނިއުރޯ ސާޖަރީ ޑިޕާޓްމަންޓުން ކަމަށެވެ. އައިޖީއެމްއެޗާ ހަވާލާދީ ހެލްތް މިނިސްޓްރީން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރި މި އޮޕަރޭޝަން ކާމިޔާބުކަން ފާހަގަކޮށްފައެވެ.
މިއީ މައިބަދައިގެ ޑިސްކު ސްލިޕްވުން، ނުވަތަ ނާރު ފިތުން، ނުވަތަ އެކިކަހަލަ ބުރަކަށީގެ ތަދުތަކަށް ފަރުވާ ދިނުމަށް, ނުފަޅާ ކުރާ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަން ކުރުމަށް ޑޮކްޓަރުން ކުޑަ ހޮޅިއެއްގެ ތެރެއިން ކެމެރާ އާއި އޮޕަރޭޝަނަށް ބޭނުންވާ އާލާތްތައް ވައްދާނީ މައިބަދަ އާ ދިމާލުން ކުޑަ ލޯވަޅެއް ތޮރުފައިގެންނެވެ. އެއަށް ފަހު، ބުރަކައްޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަނީއެވެ.
އާންމުކޮށް ފަޅައިގެން ކުރާ އޮޕަރޭޝަންތަކާ ހިލާފަށް މި ގޮތަށް ނުފަޅާ ކުރާ އޮޕަރޭޝަންތަކުގެ ފައިދާ ބޮޑުކަމަށް ސިއްހީ މާހިރުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މި އޮޕަރޭޝަނަށް ފަހު ވާ ތަދު ކުޑަވުމާއި އަވަހަށް ރަނގަޅުވުމުގެ އިތުރުން ފާރުގަނޑުގެ ލަކުނު ކުޑަކަން ފާހަގަ ކޮށްލެވެއެވެ. އަދި ފަޅައިގެން ކުރާ އޮޕަރޭޝަނަށް ވުރެ މި ގޮތަށް ކުރާ އޮޕަރޭޝަންތަކުން ހޮސްޕިޓަލުން ދޫކޮށްލާ މުއްދަތު ވެސް އަވަސް ވެއެވެ.
މީގެ ކުރިން މިފަދަ އޮޕަރޭޝަންތައް ކުރުމަށް ދިވެހީން ދާން ޖެހެނީ ރާއްޖެއިން ބޭރަށެވެ.