ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ މުހައްމަދު މުއިއްޒު، ދިވެހި ވަތަނީ ހިދުމަތް އިފްތިތާހުކޮށްދެއްވައިފިއެވެ.

ޅ. މާފިލާފުށީގައި ހުންނަ ދިވެހި ގައުމީ ދިފާއީ ބާރުގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި މިއަދު ބޭއްވި ގާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ވަތަނީ ހިދުމަތް އިފްތިތާހުކުރެއްވުމުގެ ގޮތުން ދިވެހި ވަތަނީ ހިދުމަތުގެ ދިދަ ހަވާލުކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ފުރިހަމަ ތަރައްގީ ހާސިލުކުރެވޭނީ ހަރުދަނާ، ޒުވާން ޖީލެއް ބިނާކޮށްގެންކަމުގައި ވިދާޅުވެފައެވެ. އަދި ގައުމުދެކެ ލޯބިވާ، އިސްލާމް ދީން ދެކެ ލޯބިވާ، ފަހުރުވެރި، ހުނަރުވެރި ޒުވާނެއް ބިނާކުރުމަކީ، ބޮޑެތި އުމްރާނީ މަސައްކަތްތަކަށްވުރެ މުހިންމުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތަމްރީނުގެ ބައިވެރިންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވީ، މި ތަމްރީނަކީ، އެ ބައިވެރިންގެ މުސްތަގުބަލު އުޖާލާކޮށް، އުފާފާގަތިކަން ކަށަވަރުކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ބަލައިގަނެގެން ކުރިއަށްދިއުމަށެވެ. އަދި ތަމްރީނު ނިމޭއިރު އުފެދިގެންދާނީ، އުޅުންހުރި، ގައުމީ އަދި ދީނީ ލޯބި އަށަގެންފައިވާ، ބާރުވެރި ޒުވާނުންތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ވަތަނީ ހިދުމަތުގެ މިޝަންގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫޙާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމެވެ. މިއަދު މި ފެށި، ނޭޝަނަލް ސާވިސް އިނީޝިއަލް ތަމްރީނަކީ، ތިން މަސް ދުވަހުގެ ޕްރޮގްރާމެކެވެ. މި ތަމްރީނުގައި ދިވެހި ގައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދިނީ ތައުލީމު، ލީޑާޝިޕް އަދި ބަހުގެ ޕްރޮފިޝަންސީ އުނގަންނައިދީ، ކަސްރަތާއި ހަށިހެޔޮކަމާއި، ހެވިކަމުގެ ތަމްރީނުތައް ކުރިއަށްގެންދާނެއެވެ. އަދި ފަސްޓް އެއިޑް، ފަޔަާފައިޓިން އަދި ސެލްފް ޑިފެންސްވެސް ދަރިވަރުންނަށް ދަސްކޮށްދޭނެއެވެ.