އުމުރުން ދުވަސްވީ ކޮންމެ މީހަކީ ތަޖުރީބާގެ އަގުހުރި މުތެއް ކަމަށާއި އެއިން ކޮންމެ މީހެއްގެ މާޒީއަކީ އިބްރަތުގެ ދަރުސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ބައިންލަްއަގްވާމީ ގޮތުން ފާހަގަކުރާ އުމރުން ދުވަސްވީ މީހުންގެ ދުވަހުގެ ތަހުނިޔާ ފޮނުވުމަށް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

"ތިޔައިން ކޮންމެ އިސްރަށްވެއްސެއްގެ ހަޔާތުގެ މި ދުވަސްތަކަކީ، ލޯތްބާއި ކުލުނުން ފުރިފައިވާ، ދުޅަހެޔޮ، ބާއްޖަވެރި ދުވަސްތަކެއް ކަމުގައި މާތްﷲ ލައްވާށި. އާމީން"
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ، އުމުރުން ދުވަސްވީ ކޮންމެ މީހަކީ މި ގައުމަށް ތަޖްރިބާގެ އަގުހުރި މުތެއް ކަމަށެވެ. އެއިން ކޮންމެ ބޭފުޅަކު މާޒީގައި ދެކެވަޑައިގަތް ކަންކަމަކީ، ބާއްޖަވެރި މާދަމާއެއް ބިނާކުރުމަށްޓަކައި އިބުރަތުގެ ދަރުސްތަކެއް ކަމަށެވެ.

ސަރުކާރުން އެންމެ ސަމާލުކަންދޭ އެއް ސިޔާސަތަކީ ރާއްޖޭގެ ކޮންމެ ރަށަކީވެސް ދޮށީ އުމުރުގެ ރައްޔިތުންނަށް ފަހި، ފަސޭހަ، އޯގާތެރި ވެއްޓަކަށްވުން ކަމަށް ރައީސް ވިދާޅުވިއެވެ. ހުރިހާ އުމުރު ފުރައަކަށް އުފާ ފާގަތި މާހައުލެއް އަބަދުމެ އޮތުން ކަމަށް ރައީސް ވިދާޅުވިއެވެ.