ކޮރަޕްޝަން ހުއްޓުވުމުގެ ނަމުގައި ސިޔާސީ އިދިކޮޅު ފަރާތްތަކުން މީހުން މަގުމައްޗަށް ނެރެ ކުރާކަމެއް ރައްޔިތުން ވިސްނަން ޖެހޭކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުން އެކަން ކުރުން ކަމަށާއި އެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުން ދާކަމަށެވެ.

ނަމަވެސް އިހުސާން ވިދާޅުވީ ފާއިތުވި 15 އަހަރު ވެރިކަމުގައި އަދި މަގާމުތަކުގައި ތިބެގެން އިދިކޮޅު ސިޔާސީ ފަރާތްތަކަށް އެ މަސައްކަތް ނުކުރެވުން ކަމަށާއި، އެހެންކަމުން މިއަދު އެ ދައްކާ ވާހަކަތަކާމެދު ރައްޔިތުން ސަމާލުވާން ޖެހޭނެ ކަމަށެވެ.

އިހުސާން މިފަދައިން ވިދާޅުވެފައިވަނީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބާއްވާ މުޒާހަރާއަކީ ކޮރަޕްޝަނާ ދެކޮޅު އެންމެން ބައިވެރިވާން ރަނގަޅު މުޒާހަރާއެއް ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. އެގޮތުން ނަޝީދު ވަނީ މި މުޒާހަރާއަށް ތާއިދުކުރައްވާކަން ހާމަކުރައްވާ މި މުޒާހަރާގައި ބައިވެރިވުން މުހިންމުކަމަށާއި، މި މުޒާހަރާއަކީ ވަކި ޕާޓީއެއްގެ ކަމެއްގެ ގޮތުގައި ދެކޭކަށް ނުޖެހޭ ކަމަށް ވިދާޅުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި އޮކްޓޫބަރު 3 ގައި އެމްޑީޕީން އަންނަނީ މި ސަރުކާރުން "ގައުމު ލޫޓުވައިފި"ގެ ނަމުގައި މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.

އެގޮތުން އޮކްޓޫބަރު 3 ގައި ބާއްވާ މި ހަރަކާތް އިސްތިހާރުކުރުމަށް ބެނާ ދެމުމުގެ އިތުރުން ޕިކަޕް ބުރާއި ސައިކަލް ބުރު އަދި އެކި ބައްދަލުވުންްތައް އަންނަނީ ބާއްވަމުންނެވެ.