ގައުމީ ޤުރުއާން މުބާރާތުން އެއްވަނަ ހޯދާ ފަރާތްތަކަށް، އެ ފަރާތަކުން ތައުލީމް ހާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް ބޭނުން ގައުމަކުން ފުރުސަތު ދިނުމަށް ނިންމާފައިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސްގެ ރަސްމީ އެކްސް އެކައުންޓުގައި ވިދާޅުވީ މިއަހަރުން ފެށިގެން، ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، އަދި ހާފިޡުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ހާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް، އެފަރާތަކުން ބޭނުން ގައުމަކުން ތައުލީމް ހާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ، ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތް ކަމުގައި ހަދާނެކަމަށް މިދިޔަ އަހަރުގެ ޖަލްސާގައި ރައީސް އިއުލާންކުރައްވާފައިވާއިރު އެމަނިކުފާނު ވިދާޅުވީ އެންމެ ބޮޑު ހިތްވަރެއް ދޭންޖެހޭނީ، އެންމެ ބޮޑު އިނާމްތަކެއް ދެވެންވާނީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އެހެންކަމުން ގައުމީ ޤުރުއާން މުބާރާތުން މި 3 ބައިން 1 ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ވެސް ދިނުމަށް ނިންމަވާފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މި މުބާރާތުގެ ހުރިހާ ވަނަތަކަށް މިނިސްޓްރީ އިން ދޭ އިނާމުތައްވެސް ކުރިޔަށްވުރެ ގިނަވެފައި އަގުބޮޑު ވާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުސަތުވެސް އިތުރަށް ފަހިވާނެކަމަށެވެ.