ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްދައިގެ ބޭރުން 'އޯޕަން ވިޒާ'ގެ ނަމުގައި މަސައްކަތް ކުރަމުންދާ މައްސަލަތައް އިތުރުވެ އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފިއެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މީގެ ތެރެއިން އެންމެ ފަހުން ފަށައިގެން ކުރިއަށްގެންދަނީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، އެ ވިޔަފާރިތަކުގައި ޝާމިލްވާ ބިދޭސީން އަނބުރާ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތްކަން ފާހަގަަކޮށް އިމިގްރޭޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެ އޮޕަރޭޝަންތަކުގެ ތެރެއިން އާންމުކޮށް ފާހަގަ ކުރެވޭ ކަމަކީ ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވިޒާއެއް އޮތް ނަމަވެސް ދީކޮށްފައިވާ ވިޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަންތަނުގައި މަސައްކަތް ކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުންދާ ކަމުގެ މައްސަލަތައް ކަމަށެވެ.
އަދި ދުވަހަކަށްވުރެ ދުވަހެއް އެފަދައިން މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަދަދު އިތުރުވަމުންދާ ކަމަށާއި ވަޒީފާ ދީފައިވާ ތަން ފިޔަވާ އިތުރު އެހެން ތަންތަނުގައި މަސައްކަތް ކޮށް އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާ ހޯދަމުންދާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އަދި އެއީ ގާނޫނީ ގޮތުން ވެސް ހުއްދަ ކަމެއް ނޫން ކަމަށާއި ބިދޭސީން މަސައްކަތް ތެރީންނަށް މަސައްކަތް ކުރެވޭނީ ހަމައެކަނި އެ ވިޒާ ދޫކޮށްފައިވާ ތަނުގައި އެކަނި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އެހެންކަމުން އެކަމަށް ސަމާލުވެ، އިމިގްރޭޝަނުން ވަނީ ވަޒީފާ ދޭ ފަރާތުން އެމީހުންގެ މުވައްޒަފުން އެހެން ތަންތަނުގައި މަސައްކަތް ކުރަން ނުފޮނުވުމަށް އިލްތިމާސްކޮށްފައެވެ.
އަދި ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރަނިކޮށް ފާހަގަވެއްޖެނަމަ، އެފަދަ މުވައްޒަފުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސް އަނބުރާ ފުރުވާލެވޭނެ ކަމަށާއި އޭގެ އިތުރުން ވަޒީފާ ދިން ފަރާތަަށް ވެސް ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މިއީ ރާއްޖޭގައި އުޅެމުންދާ ބިދޭސިންގެ ކަންކަން ހަރުދަނާކޮށް ގާނޫނާ އެއްގޮތަށް އެމީހުންގެ އަމަލުތައް ބައްޓަން ކުރުމުގެ މަގްސަދުގައި ކުރަމުންދާ މަސައްކަތެއް ކަމަށް ވެއެވެ. އަދި އެކަމުގެ ސަބަބުން ގައުމުގެ އިގްތިސާދަށާއި އިޖްތިމާއީ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަ ކުރެވޭނެ ކަމަށް ވެސް އެިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި މިކަމުގައި ވަޒީފާ ދޭ ފަރާތްތަކުންނާއި އާންމު ރައްޔިތުން ޒިންމާދާރު ގޮތެއްގައި އަމަލު ކުރުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފައި ވެއެވެ.